21 މޭ 2025 - 22:15 4
އަހުމަދު އާއިދު
މާފަންނު ސަހަރާ ހުރި ބިން ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން: އެތަން ސާފުކުރީ ޕާކިން މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ --- ފޮޓޯ: ސިޓީ ކައުންސިލް
21 މޭ 2025 - 22:15 4
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ކަށްބިން ކޮނެ ސާފުކުރި މާފަންނު ސަހަރާގެ ބޮޑު ބައިގައި ޕާކަކާއި ބާސްކެޓު ކޯޓެއް އަޅަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދު ހުސްކުރަން ސިޓީ ކައުންސިލުން ނިންމީ އޯގަސްޓު 27، 2019 ގަ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕްލޭނުގައި ބުނެފައިވަނީ މާފަންނު ސަހަރާ ހުރި ސަރަހައްދު ތަރައްގީ ކުރަނީ "މާފަންނު މައިޒާން" ގެ ނަމުގަ އެވެ. މި ޕްލޭން ފާސްކުރީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 195 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުން އިއްތިފާގުން ކަމަށް ކައުންސިލުން ބުނެ އެވެ.
އެ ޕްލޭނުގައިވާ ގޮތުން ކުރީގެ މާފަންނު ސަހަރާގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި ތަރައްގީކުރަނީ 3 އޮން 3 ބާސްކެޓް ކޯޓެކެވެ. އަދި މަޖީދީ މަގަށް ވާނެހެން ބަސް ސްޓޮޕެއް ހެދުމުގެ އިތުރުން ޖަލްސާތަކާއި ހަފުލާތައް ބޭއްވުމަށް ހާއްސަ 'ގްރީން އޭރިއާ' އެއް ނުވަތަ ޕާކެއް ތަރައްގީ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މާފަންނު ސަހަރާ ސާފުކުރި މައިގަނޑު ބޭނުން ކަމުގައި ސިޓީ ކައުންސިލުން މީގެ ކުރިން ބުނި ޕާކިން ޖާގަތައް ހުންނަނީ މި ގްރީން އޭރިއާގެ ވަށައިގެންނެވެ. އެއީ ޖުމްލަ 295 ސައިކަލު ޕާކު ކުރެވޭނެ ޖާގަ އެވެ. ކާރު ޕާކު ކުރެވޭނެ ޖާގައެއް ޕްލޭނުގައި ހިމަނާފައެއް ނުވެ އެވެ
މި މައިޒާނަށް 24 ގަޑިއިރު ވަދެވޭނެހެން ހުޅުވާލާނެ ކަމަށާއި ގްރީން އޭރިއާގައި މޭވާ އަޅާ ގަސްތަކާއި ހިޔާ ލިބޭ ބޮޑެތި ގަސްތައް އިންދާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ޕާކިން މައްސަލަ ހައްލުކުރަން ކަމަށް ބުނެ މާލޭގެ ސަހަރާތަކުގެ ކަށްބިން ސާފުކޮށް ގަބުރުތައް ނަގާ މައްސަލާގައި އާންމުންގެ ބައެއް މީހުން އަދި ތާރީހު ދިރާސާކުރާ މީހުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Comment