21 މޭ 2025 - 21:06 2
އަހުމަދު އާއިދު
ދަރުބާރުގޭގައި ކަތުރުއަޅާފައި ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް: މައްސަލަ ބޮއްސުންލައިގެން ގޮސް މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ޕެޓިޝަނުގައިވޭ --- ފޮޓޯ: ކިޔުންތެރިއެއް
21 މޭ 2025 - 21:06 2
ދަރުބާރުގޭގައި ކަތުރުފަނިއަޅާ، ސީލިން ވެއްޓޭ ހިސާބަށް ހާލަތު ގޯސްވެ އެތަނުގައި މަސައްކަތްކުރާ ޓޫރިޒަމް އެންޑް އެންވާރަމަންޓު މިނިސްޓްރީގެ މުވައްޒަފުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރީ މިދިޔަ ޑިސެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގައި ހާދިސާގައި އެ މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތް އެނދުމުންނެވެ. އޭރު އެންވާރަމަންޓާއި ޓޫރިޒަމް އެއްކޮށްނުލަ އެވެ. އެނދި އިމާރާތުގައި މަސައްކަތްކުރީ އެންވާރަމަންޓުގެ މުވައްޒަފުންނެވެ.
ޖުމްލަ 122 މުވައްޒަފުން ސޮއިކޮށް ރައީސް އަށާއި ދައުލަތުގެ އިސްވެރިންނަށް ފޮނުވި ޕެޓިޝަނުގައި ބުނެފައިވަނީ ދަރުބާރުގޭގައި ވަރަށް ބޮޑަށް ކަތުރުފަނި އަޅާ އެކަމުގެ އުނދަގޫ ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުންގެ މޭޒުތަކާއި ގަޔަށް، ބޮލަށް އަދި ގެންގުޅޭ ތަކެއްޗަށް ކަތުރުފަނި އަދި ފިލާކުނޑި ފައިބާ އެ ތަކެތި މުވައްޒަފުން ގައިގައި ހަފަމުންދާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. މި ނޫހާ ވާހަކަދެއްކި އެންވަރަމަންޓުގެ މުވައްޒަފަކު ބުނީ ބޯ ފެންތަށިތަކަށް ވެސް ކަތުރުފަނި ފައިބާފައި ހުންނަ ކަމަށެވެ.
"ސީލިންގައި ކަތުރުފަނި އަޅާފައި ހުރީ، ފެންބޯ ތަށްޓަށް ވެސް ކަތުރުފަނި ވެއްޓިފައި ހުންނަނީ، މިދިޔަ އާދީއްތަ ދުވަހު ވެސް ކުއްޖެއްގެ ގައިގައި ކަތުރުފަނި ހަފައިގެން ވަރަށް މައްސަލަ ބޮޑުވެގެން އުޅުނު،" އޭނާ ބުންޏެވެ.
ކަތުރުފަނި އަޅާފައިވާ ސީލިންގެ ހާލަތު ނޭނގޭ ކަމަށާއި ސީލިން ބޮލަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް މުވައްޒަފުންގެ ޕެޓިޝަނުގައިވެ އެވެ.
އޭގެ އިތުރުން މުވައްޒަފުންނަށް ލެޕްޓޮޕް ހަމަނުވުމާއި މަސައްކަތަށް ދީފައިހުރި ގޮނޑި މޭޒުގެ ކޮލިޓީ ދަށްކަމުގެ ޝަކުވާތަކާއެކު، އެނދި މިނިސްޓްރީން ގެނައި ގޮނޑިތަކެއް ދަރުބާރުގޭގައި ބޭނުންކުރަމުންދާތީ ވެސް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެންވާރަމަންޓުގެ އިތުރުން، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މުވައްޒަފުން ދަރުބާރުގޭގައި މަސައްކަތް ކުރަމުންދެ އެވެ. ކުރިން ވަކިން ހިންގި ދެ މިނިސްޓްރީ ހިންގަމުން ދިޔައީ ޑިސެމްބަރު މަހު އެނދި އިމާރާތުގަ އެވެ.
ޕެޓިޝަނުގައި އެންވާރަމަންޓް މިނިސްޓްރީގެ އިތުރުން އެ ވުޒާރާގެ ދަށުން ހިންގާ އެންވާރަމަންޓު ޕްރޮޓެކްޝަން އެޖެންސީގެ މުވައްޒަފުން ވެސް ސޮއިކޮށްފައިވެ އެވެ. މި ހުރިހާ މުވައްޒަފުން އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަމުގެ ވާހަކަ ވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގޮތުން، މީޓިންތައް ބާއްވާނެ ވަކި ހާއްސަ ކޮޓަރިތައް ނެތުމުން، އެތެރޭގެ އަދި ބޭރުން އަންނަ މީހުންނާއެކު ބާއްވާ ބައްދަލުވުންތައް ވެސް އެހެން މުވައްޒަފުން ތިބޭ ހޯލުގައި ބާއްވަން ޖެހޭ މައްސަލަ ފާހަގަކޮށްފައިވެ އެވެ.
އަލިފާނާ ގުޅިގެން މުވައްޒަފުން ދަރުބާރުގެއަށް ބަދަލުކުރި ދުވަހު ރައީސް މުއިއްޒު އެތަނަށް ވަޑައިގެންނެވި އެވެ. އަދި، މިއީ ވަގުތީ ބަދަލެއް ކަމަށާއި ދާއިމީ ހައްލެއް މުވައްޒަފުންނަށް ހޯއްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ހަ މަސް ވީއިރު ސަރުކާރުން މިނިސްޓްރީތައް ބަދަލުކުރާނެ ތަނެއް އަޅަން ފަށާފައި ނުވާއިރު، އެކަމާ ގުޅޭ ވާހަކައެއް ވެސް ނުދައްކަ އެވެ. އަދި އެހެން އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތެއް ކުރާ ކަމެއް ވެސް ނޭނގެ އެވެ.
Comment