Advertisement

ސޯލާ ސިޓީ ތަރައްގީކުރަނީ ކުޑަ ބަނޑޮސް އިރުމަތީ އޮންނަ ފަޅުގައި

21 މޭ 2025 - 10:29 0

އަމަން ހަލީމް

އަމަން ހަލީމް

ފޮޓޯގެ ކަނާތްފަރާތުން މަތީ ކަނުގައި ސޯލާ ސިޓީ ތަރައްގީކުރާ ފަޅު: މިތަނުގައި ތަރައްގީކުރާ ފްލޯޓިން ސޯލާ ހަކަތައިގެ ނިޒާމު ހުޅުމާލޭ ގްރިޑާ ގުޅާލަނީ ސަބްމެރިން ކޭބަލަކުން -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ސޯލާ ސިޓީ ތަރައްގީކުރަނީ ކުޑަ ބަނޑޮސް އިރުމަތީ އޮންނަ ފަޅުގައި

21 މޭ 2025 - 10:29 0

ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ކެނެޑާގެ އަބްރަކްޒަސް ކުންފުނިން ހިންގާ "ޕްރޮޖެކްޓު ސޯލާ ސިޓީ" ތަރައްގީކުރަނީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ އިރުމަތިން އޮންނަ ފަަޅުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފި އެވެ.

މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއު ހިންގަން ބޭނުންވާ ދިރާސާތަކާއި އެސެސްމަންޓުތައް ހަަދަން އަބްރަކްޒަސް ކުންފުންޏަށް ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރިލް 24, ގަ އެވެ. އަދި ޑިވެލޮޕްމަންޓު ހުއްދަ ދިނީ މި އަހަރުގެ ފެބްރުއަރީ 13، ގަ އެވެ.

ސޯލާ ސިޓީ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅީ އާރުޓީއައިއެއްގެ ޖަވާބުގައި މިނިސްޓްރީން ބުނީ، ހާއްސަ އިސްކަމެއް ދީގެން ފުރަތަމަ ތަރައްގީކުރަން ހަމަޖެހިފައި ވަނީ މި މަޝްރޫއުގެ މައިގަނޑު ކޮމްޕޯނެންޓު ކަމުގައިވާ ފްލޯޓިން ސޯލާ ހަކަތައިގެ ނިޒާމު ކަމަށެވެ.

އެ ގޮތުން 100 މެގަވޮޓުގެ ސޯލާ ހަކަތަ އުފައްދާ ނިޒާމެއް، ބެޓަރީ ސްޓޯރޭޖާއެކު، ގާއިމުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި ނިޒާމުން އުފައްދާ ކަރަންޓު ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ ސަބްމެެރިން ކޭބަލެއް މެދުވެރިކޮށެވެ. މި ކޭބަލް ގޮސް ގުޅާލަނީ، މާލެއާ ވެސް ގުޅިފައި އޮންނަ ހުޅުމާލޭގެ މެއިން ޕަވާ ގްރީޑާ އެވެ.

ސޯލާ ސިޓީ މަޝްރޫއުގައި، ސޯލާ ހަކަތައިގެ ނިޒާމުގެ އިތުރުން މަޝްރޫއަށް ކުރާ ހަރަދުތައް ދެކޮޅު ޖެއްސުމަށް ޓަކައި އެހެން ތަންތަން ގާއިމުކުރުމުގެ ހުއްދަ ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މައިސް (މީޓިންސް، އިންސެންޓިވްސް، ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް) ޓޫރިޒަމަށް މަގުފަހިވާ ޓޫރިސްޓު ފެސިލިޓީއެއް
  • ލޮޖިސްޓިކްސް އަދި އިންޑަސްޓްރިއަލް ހަބެއް
  • ރިއަލް އެސްޓޭޓްގެ ދަށުން އިމާރާތްތައް

ގާތްގަނޑަކަށް 187 މިލިއަން ޑޮލަރު އިންވެސްޓުުކުރާ މި މަޝްރޫއުގެ ދަށުން 100 މިލިއަން ޑޮލަރު އިންވެސްޓުކުރަނީ ސޯލާ ހަކަތައިގެ ނިޒާމަށެވެ. ބާކީ 87 މިލިއަން ޑޮލަރަކީ ބިން ހިއްކާށާއި އެ ކުންފުނިން ތަަރައްގީކުރާ އެހެނިހެން ތަންތަން އިމާރާތްކުރަން ހަރަދުކުރާ ފައިސާ އެވެ.

މި މަޝްރޫއުގެ ޑިވެލޮޕްމަންޓް ހުއްދަ ދޫކުރިކަން އިއުލާންކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މި އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، 2027 ގައި އޮޕަރޭޝަނަލައިޒް ކުރެވިގެން ދާނެ އެވެ.

ސޯލާ ސިޓީއަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވާން ހިންގޭ މުހިންމު މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މިއާ އެކީގައި ކަރަންޓު އުފައްދާ ތެލަށް ކުރާ ހޭދައިން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ.

އެބްރަކްޒަސްއިން މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ސަންގްރޯ ޕަވާ ސަޕްލައިއާ ގުޅިގެންނެވެ. އެ ކުންފުނިން ރާއްޖޭގައި މި މަޝްރޫއު ހިންގަނީ މި މަޝްރޫއަށް ހާއްސަކޮށްގެން ރާއްޖޭގައި މަރުކަޒުކޮށްފައިވާ ސްޕެޝަލް ޕާޕަސް ވެހިކަލެއްގެ ދަށުންނެވެ.