21 މޭ 2025 - 08:27 0
21 މޭ 2025 - 08:27 0
ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 21) - ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ކާލޯ އަންޗެލޮޓީ ހަވާލުވާއިރު، އޭނާގެ އެސިސްޓަންޓް ކޯޗަކަށް ބްރެޒިލްގެ ކުރީގެ ތަރި، ކަކާ ދިއުމަށް އެއްބަސްވެއްޖެ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗުކަމުން މި މަހު 26 ވަނަ ދުވަހު ވަކިވެ، އަންޗެލޮޓީ ވަނީ ބްރެޒިލާ ހަވާލުވާން ނިންމައިފަ އެވެ.
އަންޗެލޮޓީއާ އެކު، ރެއާލުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން، އޭނާގެ ދަރިފުޅު، ޑަވިޑޭ އަންޗެލޮޓީ އެވެ. ބްރެޒިލް ޓީމަށް އަންނަން ޑަވިޑޭ އަށް ފުރުސަތު ދިން ނަމަވެސް، އޭނާ ދެން ބޭނުންވަނީ ހެޑް ކޯޗެއްގެ ގޮތުގައި ކެރިއަރު ފަށަން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަޔާ ލެވަކޫސަންގެ ކޯޗަކަށް އިޓަލީގެ ކްލަބް ކޯމޯގައި ހުރި، ސެސްކް ފަބްރެގަސް ދިއުމުން، އެ ޓީމުގެ ކޯޗަކަށް ޑަވިޑޭ ގެންނަން އަންނަނީ ވާހަކަ ދައްކަމުންނެވެ.
ޑަވިޑޭ ލިބެން ނެތުމާ އެކު، އަންޗެލޮޓީ، ބްރެޒިލްގެ އެސިސްޓަންޓަކަށް ގެންނަން މަސައްކަތް ފަށާފައިވަނީ، ކަކާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. ބްރެޒިލް ނޫހަކަށް ދިން އިންޓަވިއުއެއްގައި، ކަކާ ބުނީ، ބްރެޒިލް ޓީމުގައި އަންޗެލޮޓީއާ އެކު މަސައްކަތްކުރަން ލިބޭ ފުރުސަތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.
"ބްރެޒިލް ޓީމަށް އަހަންނަށް އެހީވާން ފުރުސަތެއް ދީފިއްޔާ އަހަރެން ތައްޔާރު. އެއީ، އަބަދުވެސް އަހަރެން އެދޭ ގޮތް، އަނެއްކޮޅުން، އަންޗެލޮޓީއާ އެކު މަސައްކަތްކުރަން ލިބުމަކީ ފަހުރެއް،" ކަކާ ބުންޏެވެ.
ކަކާ ވަނީ އަންޗެލޮޓީގެ ކޯޗުކަމުގައި އިޓަލީގެ އޭސީ މިލާނަށް ކުޅެފަ އެވެ. ކަކާ، 2017 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، ކޯޗިން ރޯލަށް ވުރެ، ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ރޯލުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެެވެ.
ކަކާ ބުނީ، ބްރެޒިލްގައި އަންޗެލޮޓީ ކާމިޔާބު މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަންޗެލޮޓީ އަކީ ހަމައެކަނި މޮޅު ކޯޗެއް ނޫން، އެތައް ގޮތަކުން ފުޓްބޯޅަ ދަންނަ މީހެއް. އެހެންވީމަ، އޭނަގެ ފަރާތުން ބްރެޒިލްގެ ފުޓްބޯޅަ އަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ،" ކަކާ ބުންޏެވެ.
އިޓަލީ އަށް އުފަން އަންޗެލޮޓީ ވެގެންދާނީ، 100 އަހަރަށް ފަހު، ބްރެޒިލަށް ކޯޗުކޮށްދޭނެ އެ ގައުމަށް އުފަން ނޫން ފުރަތަމަ ކޯޗަށެވެ. އަންޗެލޮޓީ އަށް ދެނީ ކިތައް އަހަރުގެ ކޮންޓްރެކްޓެއް ކަމެއް ހާމަކޮށްފައިނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން، އޭނާގެ މުސާރަ އަކީ އަހަރަކު 11 މިލިއަން ޑޮލަރެވެ.
Comment