20 މޭ 2025 - 13:37 0
20 މޭ 2025 - 13:37 0
ލަކްނައު، އިންޑިއާ (މެއި 20) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ހަ ވިކެޓުން ސަންރައިޒާސް ހައިދަރުއާބާދު އަތުން ބަލިވެ، ލަކްނައު ސުޕަ ޖަޔަންޓްސް އަށް މުބާރާތުގެ ޕްލޭއޮފްގެ ޖާގަ ގެއްލިއްޖެ އެވެ.
މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އައިޕީއެލްގެ މި ސީޒަނުގެ ގަދަ ހަތަރެއް ކަށަވަރުކޮށް ޕްލޭއޮފް ޖާގައެއް ގުޖުރާތު ޓައިޓަންސް، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަދި ޕަންޖާބް ކިންގްސް އިން ވަނީ ހޯދައިފަ އެވެ.
ބާކީ ޖާގަ އަށް ރޭގެ މެޗާ ހަމަ އަށް ވާދަކުރީ، ލަކްނައުގެ އިތުރުން ދިއްލީ ކެޕިޓަލްސް އަދި މުމްބައި އިންޑިއަންސް އެވެ. އެކަމަކު، އެ ރޭހުން ރޭގެ ނަތީޖާ އަށް ފަހު، ލަކްނައު ވަނީ ބާކީވެފަ އެވެ.
ލަކްނައުގެ އެކާނާ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، ހައިދަރުއާބާދުން ނިންމީ ފީލްޑް ކުރުމަށެވެ. ލަކްނައު އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 205 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އެރި ޕާޓްނަޝިޕުންނެވެ. އެ ގޮތުން، މިޗް މާޝް 65 ލަނޑު ހެދިއިރު، އައިޑެން މާކްރަމް ނުބައިވީ 61 ލަނޑަށެެވެ. މި އިނިންގްސްގައި، ހައިދަރުއާބާދުގެ އިޝާން މަލިންގާ ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ހައިދަރުއާބާދު މޮޅުވީ، 18.2 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވެގެން 206 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 20 ބޯޅައިން 59 ލަނޑު ހެދި އަބިޝޭކް ޝަރްމާ އެވެ.
އައިޕީއެލްގެ ބާކީ އޮތް މެޗުތައް ކުރިއަށްދާނީ، ހަ ސަރަހައްދެެއްގަ އެެވެ. އެއީ، ބެންގަލޫރު، ޖައިޕޫރު، ދިއްލީ، ލަކްނައު، އަހުމަަދުއާބާދު އަދި މުމްބާއި ގަ އެވެ. ލީގު ބުރުގެ ކުޅުން މި މަހު 27 ގައި ނިމޭއިރު އެ އަށް ފަހު، ގަދަ ހަަތަރު ޓީމުގެ މެދުގައި ޕްލޭއޮފް ފަށާނެ އެވެ.
ޕްލޭއޮފް ފުރަތަމަ މެޗު ކޮލިފަޔާގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށްދާއިރު، ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ކޮލިފަޔާ ދޭއްގަ އެވެ. ކޮލިފަޔާ ދޭއްގައި ފައިނަލެއްގެ ޖާަގަ އަކަށް ބައްދަލުކުރާނީ ކޮލިފަޔާ އެކަކުން ބަލިވި ޓީމާއި އެލިމިނޭޓާ އިން މޮޅުވި ޓީމަކާ އެވެ. ޕްލޭއޮފްގެ އެލިމިނޭޓާގައި ކުޅޭނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ އެވެ.
މީގެ ކުރިން، އައިޕީއެލްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް އައި ބަދަލާ އެކު، އައިޕީއެލްގެ ފައިނަލް މެޗު މިހާރު ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment