Advertisement

މިދިޔަ ސަރުކާރުގައި ތަރައްގީ ކުރަން ފެށި މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

20 މޭ 2025 - 14:23 5

މުލީ އެއާޕޯޓުގެ ޓާމިނަލް ކުރިމަތީގައި މޯލްޑިވިއަންގެ ބޯޓެއް ޖައްސާފައި. މި އެއާޕޯޓަކީ ދައުލަތުގެ ބަޖެޓުން 221 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅި އެއާޕޯޓެއް --- ފޮޓޯ: އެމްޓީސީސީ


މިދިޔަ ސަރުކާރުގައި ތަރައްގީ ކުރަން ފެށި މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

20 މޭ 2025 - 14:23 5

މ. މުލީގައި މިދިޔަ ސަރުކާރުން ތަރައްގީ ކުރަން ފެށި ސަރަހައްދީ އެއާޕޯޓު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.

މ. އަތޮޅުގައި އެއާޕޯޓެއް އެޅުމަކީ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެއިރުގެ ރައީސް އަބްދުالله ޔާމީން އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ރިޔާސީ ވައުދެކެވެ. އެ އެއާޕޯޓު އެޅުމަށް އެންމެ ފުރަތަމަ ހިމެނީ 2019 ގެ ދައުލަތުގެ ބަޖެޓުގަ އެވެ.

މިއަދު އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކަމަށެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

"މުލި، ބިލެތްފަހި އެއާޕޯޓު އެއީ ރައީސް ޔާމީން ކުރިއަށްގެންދަން ނިންމަވައި އެމަނިކުފާނު އިއުލާނުކުރައްވާފައިވާ އެއާޕޯޓުތަކެއް. މުލީގައި އެއާޕޯޓު އެޅުމަށް މުލި ބިން ހިއްކުމުގެ މަޝްރުއޫ ފައްޓަވައި ނިންމެވި. ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭ ގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭން ހެއްދެވި،" ނޮވެމްބަރު 13، 2020 ގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މުލީ އެއާޕޯޓަށް ބޭނުންވާ ބިން ރައީސް ޔާމީންގެ ސަރުކާރުން ހިއްކި ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވި ނަމަވެސް އެ މަޝްރޫއުގެ އެއްބަސްވުމުގައި ރައީސް ސޯލިހުގެ ސަރުކާރުން އެމްޓީސީސީ އާއެކު ސޮއިކުރީ ރަންވޭއަށް ބޭނުންވާ އިތުރު 14 ހެކްޓަރުގެ ބިން ވެސް ހިއްކާ ގޮތަށެވެ.

"މުލީގެ އެއާޕޯޓު ވަރަށް ގިނަ ދުވަސްވެއްޖެ ހަދަމުންދާތާ. ދެންމެގައި މިތަނުގައި މިނިސްޓަރު (މުއްތަލިބު) ވެސް ފާހަގަކުރެއްވި ފަދައިން 14 ވަރަކަށް އަހަރުވީ ފަށައިގަނެގެން އުޅޭތާ. ދެން ކޮންމެއަކަސް އަޅުގަނޑުމެންނަށް މަސައްކަތް މި ސަރުކާރު ހަވާލުވި އިރު އޮތް ހިސާބުން ބެލި ނަމަވެސް ވަރަށް ގިނަ ކަންކަން ނިންމަން ހުރި،" މުލީގައި ހުންނަވައި ރައީސް މިއަދު ވިދާޅުވި އެވެ.

މުލި ބިން ހިއްކުމުގެ ޓައިމްލައިން

  • މާޗު 11، 2014 - 40 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި
  • ޖުލައި 03، 2014 - ބިން ހިއްކުމުގެ މަސައްކަތް ނުފެށިގެން ކައުންސިލުން ކަންބޮޑުވުން ފާޅުކުރި
  • ސެޕްޓެމްބަރު 04، 2014 - މެލޭޝިއާގެ އިވޯސަންއަށް ބިން ހިއްކުން ސަބް ކޮންޓްރެކްޓް ކުރުން
  • ޑިސެމްބަރު 31، 2014 - ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިކަން އިއުލާނު ކުރި
  • ޖުލައި 10، 2018 - ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިންމައި ރަސްމިއްޔާތު ބޭއްވުން

މުލި އެއާޕޯޓުގެ ޓައިމްލައިން

  • ފެބްރުއަރީ 28، 2021 - އެއާޕޯޓު އަޅަން އެމްޓީސީސީ އާއެކު އެއްބަސްވުމުގައި ސޮއިކުރި
  • އެޕްރީލް 06، 2021 - އެއާޕޯޓު އަޅާ ސައިޓުގައި އެމްޓީސީސީން މޮބިލައިޒްވުން
  • މާޗު 2022 - އެއާޕޯޓުގެ އަމަލީ މަސައްކަތްތައް ރަސްމީ ސިފައެއްގައި ފެށުން
  • ޖުލައި 11، 2023 - އެއާޕޯޓުގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާކަން ހާމަކުރި
  • އެޕްރީލް 25، 2025 - އެއާޕޯޓުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާކަން ހާމަކުރި
  • މެއި 20، 2025 - އެއާޕޯޓު ރަސްމީކޮށް ހުޅުވި

މުލީ އެއާޕޯޓުގައި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ އަޅާފަ އެވެ. ޖުމުލަ 150 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ފަދަ ޓާމިނަލަކާއި ޑޮމެސްޓިކް އެއާޕޯޓެއްގައި ހުންނަން ޖެހޭ އެންމެހައި ފެސިލިޓީތަކާ އެކު މި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ 221.7 މިލިއަން ރުފިޔާއަށެވެ.

މި އެއާޕޯޓުގެ އަމަލީ އެއްވެސް މަސައްކަތެއް ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައި ނުވެ އެވެ. އެއްބަސްވުމުގައި ވެސް ސޮއިކުރީ މިދިޔަ ސަރުކާރުގެ ދައުރުގަ އެވެ. މުޅި އެއާޕޯޓު ނިމި ހިދުމަތް ފެށިފައި މިވަނީ މި ސަރުކާރުގަ އެވެ. މި އެއާޕޯޓަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަޅާފައިވާ އެއާޕޯޓެެކެވެ.