Advertisement

އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި ހިނގާނެ ހަރަދެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފި

20 މޭ 2025 - 12:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި ހިނގާނެ ހަރަދެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފި

20 މޭ 2025 - 12:26 0

މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި އެ މަޝްރޫއަށް ހިނގާނެ ހަރަދެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

އައްޑޫ ބްރިޖު މަޝްރޫއުގެ ތަފުސީލުތައް ހޯދުމަށް އަދަދު ނޫހުން ހުށަހެޅުމުން މިފަދައިން ބުނެފައިވަނީ މިނިސްޓްރީން އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްކްޗާއިން ދިން ޖަވާބުގަ އެވެ.

"އަމަލީ މަސައްކަތުގެ ތާރީހާއި މި މަޝްރޫއަށް ހިންގާނެ ހަރަދުތައް ކަނޑައެޅިގެންދާނީ އަދި ފަހުގެ މަރުހަލާއެއްގައި،" މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިހާރު ކުރަމުންދަނީ އައްޑޫ ބްރިޖު ޑިޒައިން ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދަން ސަރުކާރުން ގެޒެޓުކުރީ މާޗު 2، ގަ އެވެ. އެ އިއުލާން ބާތިލުކޮށް ފިނޭންސުން ވަނީ މާޗު 18، ގައި ހަމަ އެކަމަށް އިއުލާނެއް ކޮށްފަ އެވެ.

ފަހުން ކުރި އިއުލާނުގެ ސުންގަނޑި ހަމަވީ އެޕްރީލް 13، އަށެވެ. ނަމަވެސް، އެކަމަށް ބަޔަކު ހޮވި ކަމެއް ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ. ސުންގަޑި ހަމަވިތާ މަހެއް ފަހުން އަދަދު އަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދިން ޖަވާބުގައި ވެސް ބުނެފައިވަނީ އަދިވެސް ޑިޒައިން ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ.

އައްޑޫ ބްރިޖަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް 2024 ނިމުމުގެ ކުރިން ފަށާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ދުވަސްވަރު އައްޑޫއަށް ވަޑައިގެން އެކި ޖަލްސާތަކުގައި ރައީސް މުއިއްޒު މިފަދައިން ވިދާޅުވި އެވެ.

މި މަޝްރޫއަށް ބޭނުންވާ ސާވޭތައް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި އޮތީ ހަވާލުކޮށްފަ އެވެ. އެކަމަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ބަޖެޓުކޮށް ސާވޭގެ ބައެއް މަސައްކަތް ވެސް ކުރި އެވެ.

ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ނިންމި ކަމަށް މިދިޔަ އަހަރުގެ މާޗު މަހު އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން މަޝްރޫއުގެ އެއްވެސް އަދާހަމައެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މަޝްރޫއު ލަސްވެ، ރައްޔިތުންނާއި ނޫސްވެރިންގެ ސުވާލުތައް ފުނިޖެހެން ފެށުމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މަޝްރޫއަށް މިހާތަނަށް ފައިނޭންސިން ހޯދިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.