Advertisement

ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކެންސަލްވެއްޖެ

20 މޭ 2025 - 08:56 1

މާލޭ ސިޓީ ކައުންސިލުން އިސްތިއުފާ ދެއްވި ނަރީޝް: ހުސްވި ގޮނޑިއަށް އިތުރު މެންބަރަކު ދެން އިންތިހާބެއް ނުކުރާނެ -- ފޮޓޯ: އަދަދު ފައިލް


ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކެންސަލްވެއްޖެ

20 މޭ 2025 - 08:56 1

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު އިއްޔެ ތަސްދީގު ކުރުމުން މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކެންސަލްވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގައި ކުރިން ބުނެފައި އޮންނަ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާއިރު، އެ ކައުންސިލެއްގެ އުމުރުގެ ބާކީ އެއް އަހަރު އޮތް ނަމަ ބައި-އިލެކްޝަނެއް ބާއްވަންޖެހެ އެވެ. ނަމަވެސް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ބައި-އިލެކްޝަނެއް ބާއްވަންޖެހޭނީ ކައުންސިލެއްގެ އުމުރުގެ ބާކީ 548 ދުވަސް އޮތް ނަމަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިއެއް ހުސްވީ މާޗް 12، ގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވުމުންނެވެ. ނަރީޝްއަކީ މިހާރު ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.

މާލޭ ސިޓީ ކައުންސިލް އިންތިހާބުކޮށްފައި ވަނީ އޭޕްރީލް، 2021، ގަ އެވެ. ކައުންސިލެއްގެ އުމުރަކީ ފަސް އަހަރެވެ. ކައުންސިލުގެ އުމުރު ހަމަވާނީ އޭޕްރީލް، 2026، ގަ އެވެ. އެހެންކަމުން އަލަށް ގެނައި ބަދަލާއެކު އެ ކައުންސިލުގެ ބައި-އިލެކްޝަނެއް ބާއްވާކަށް ނުޖެހެ އެވެ.

ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މާލޭ ސިޓީ ކައުންސިލްގެ އިތުރުން ބައެއް އެހެން ކައުންސިލްތަކުގެ ބައި-އިލެކްޝަން ވެސް ކެންސަލްވާނެ އެވެ. ނަމަވެސް ކެންސަލްވީ ކިތައް އިންތިހާބު ކަމެއް އަދި ނޭނގެ އެވެ.

ގާނޫނަށް ބަދަލު ގެނައީ ސަރުކާރުން ބުނާ ގޮތުގައި ހަރަދު ކުޑަ ކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެ ބަދަލުގެ ސަބަބުން ކައުންސިލްތަކުގައި ރައްޔިތުން ތަމްސީލު ކުރާ އަދަދު މަދުވާތީ އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ ތަމްސީލުވުން މަދުވާ ގޮތަށް ލާމަރުކަޒީ ގާނޫނައް ބޮޑެތި ބަދަލުތަކެއް ގެންނަން ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކައުންސިލްތަކުގައި މެންބަރުން ތިބޭ އަދަދު މަދު ކުރުމަށް އެމަނިކުފާނުގެ ވިސްނުން އެބަ ހުއްޓެވެ.