Advertisement

މިނިސްޓްރީތަކާއި ބައެއް އިދާރާތައް އޮޑިޓު ނުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ

19 މޭ 2025 - 12:11 9

އަމަން ހަލީމް

އަމަން ހަލީމް

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ: މަގާމާ ހަވާލުވީ ފަހުން ވެސް ގަވާއިދުން އޮޑިޓު ނުކުރާ މައްސަލަ ހައްލެއްނުކުރެވޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


މިނިސްޓްރީތަކާއި ބައެއް އިދާރާތައް އޮޑިޓު ނުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ

19 މޭ 2025 - 12:11 9

ގާނޫނުގައި ބުނާ މުއްދަތުތަކުގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކާއި ބައެއް އިދާރާތައް އޮޑިޓަ ޖެނެރަލްގެ އޮފީހުން ގަވާއިދުން އޮޑިޓު ނުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

އޮޑިޓަ ޖެރެރަލް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައި ރިޕޯޓުތަކަށް ބަލާއިރު، އެއްވެސް މިނިސްޓްރީއެއްގެ 2023 އަދި 2024 ގެ މާލީ ހިސާބުތައް ބަލައި އޮޑިޓު ރިޕޯޓު ނެރެފައެއް ނުވެ އެވެ.

ޝާއިޢުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު މިނިސްޓްރީތަކުގެ ތެރެއިން 2022 ގެ އޮޑިޓު ރިޕޯޓު ނެރެފައި ވަނީ ތިން މިނިސްޓްރީއެއްގެ އެވެ. އެއީ އިކޮނޮމިކް މިނިސްޓްރީ އާއި، ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ އެވެ. އެ ރިޕޯޓުތައް ޝާއިއުކޮށްފައި ވަނީ:

  • އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓު ޝާއިއުކުރީ މިދިޔަ މަހުގެ 18 ގައި
  • ފޮރިން މިނިސްޓްރީގެ ރިޕޯޓު ޝާއިޢުކުރީ ޑިސެމްބަރު 31، 2024
  • ޑިފެންސް މިނިސްޓްރީގެ ރިޕޯޓު ޝާއިޢުކުރީ މެއި 27، 2024

އެހެން މިނިސްޓްރީތަކުގެ އެންމެ ފަހުގެ އޮޑިޓު ރިޕޯޓުތައް ހުރީ 2021 އާއި 2020 ގައި ކަން އޮޑިޓަ ޖެނެރަލް އޮފީހުގެ ވެބްސައިޓުން އެނގެ އެވެ.

އޮޑިޓު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ކޮންމެ އިދާރާއަކުން މާލީ އަހަރު ނިމޭތާ ތިން މަހާއި 14 ދުވަހުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށް، އޮޑިޓްކުރުމަށްޓަކައި އޮޑިޓާ ޖެނެރަލަށް، އަދި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ އެވެ.

މާލީ ހިސާބުތައް، ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލް އެ ހިސާބުތައް އޮޑިޓްކޮށް، އެ ހިސާބުތަކާމެދު އޭނާއަށް ފެންނަ ގޮތާއި އަދި އިސްލާހީ ފިޔަވަޅުތައް ހިމަނާފައިވާ ރިޕޯޓެއް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ރިޕޯޓު އާންމުކޮށް ޝާއިއުކުރަން ޖެހެ އެވެ.

މިނިސްޓްރީތަކުގެ އިތުރުން ސިޓީ ކައުންސިލްތައް ވެސް ގަވާއިދުން އޮޑިޓެއް ނުކުރެ އެވެ. މާލޭ ސިޓީ ކައުންސިލް, އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓުކޮށް ރިޕޯޓެއް ނުނެރޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެކަން ކުރަމުން އަންނަ ކަމަށް ބުނާތާ ވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ އެންމެހައި އިދާރާތަކާއި، އެކައުންޓްތަކާއި، ދައުލަތުގެ ވިޔަފާރި ތަންތަން އޮޑިޓް ކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކޮށްގެން ހިންގާ ކޮންމެ ތަނެއް ވެސް އޮޑިޓަ ޖެނެރަލް އަށް އޮޑިޓު ކުރުމުގެ ބާރު އޮޑިޓާ ޖެނެރަލްއަށް ދީފައިވެ އެވެ.

ގަވާއިދުން މިނިސްޓްރީތަކާއި އިދާރާތަކަށް މުހިންމުވާ އެއް ސަބަބަކީ މި ތަންތަނުގެ ތެރެއިން ހިންގާ ކޮރަޕްޝަންތައް ހުއްޓުވުމެވެ. ގިނަ އަހަރުތަކެއް ފަހުން އޮޑިޓު ކުރާއިރު މައްސަލަތައް ފާހަގަކުރެވުމުން، މައްސަލަތައް ސާބިތުކުރުމަށާއި ހެކި ހޯދަން ހުރަސް އެޅެ އެވެ.