19 މޭ 2025 - 11:06 0
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
19 މޭ 2025 - 11:06 0
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު މަނާ ކުރަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ގެންގުޅޭ އުސޫލުގެ ސަބަބުން، ވޭޕަށްވުރެ ގެއްލުން ބޮޑު ސިނގިރޭޓު ބޭނުން ކުރާ މީހުން އިތުރުވާނެ ކަމަށް ދަ ކޯލިޝަން އޮފް އޭޝިޔާ ޕެސިފިކް ޓޮބޭކޯ ހާމް ރެޑަކްޝަން އެޑްވޮކޭޓްސް (ކަޕްރާ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ އިން ވަކާލާތު ކުރަނީ ވޭޕުގެ ގިނަ ބާވަތްތައް މަނާ ކުރުމަށެވެ. ވޭޕު ރެގިއުލޭޓް ކުރުމާ ވެސް ޑަބްލިއުއެޗްއޯއިން ދެކޮޅެވެ. އަމިއްލައަށް ރިފިލް ކުރެވޭ ވޭޕު މަނާ ކުރަން ޑަބްލިއުއެޗްއޯ އިން ހާއްސަކޮށް ބޭނުންވެ އެވެ.
"ވޭޕް މަނާ ކުރަން ޑަބްލިއުއެޗްއޯ އިން ދީފައި އޮތް ލަފާ އެއްގޮތަކަށް ވެސް ހަމައެއް ނުޖެހޭ. އެ ލަފަޔަށް ގައުމުތަކުން އަމަލުކޮށްފި ނަމަ ސިނގިރޭޓު ހުއްޓާލި އެތައް ބަޔަކަށް އަދި ގައުމުތަކުން އަމަލު ކުރަން ފަށާފައިވާ ދުންފަތާ ގުޅުން ރަނގަޅު އުސޫލުތައް ވާނީ ބޭކާރު،" އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ކަޕްރާގެ އެގްޒެކެޓިވް ކޯޑިނޭޓަރު ނޭންސީ ލޫކަސް ވިދާޅުވި އެވެ.
ނޭންސީ ވިދާޅުވީ ދުންފަތާ ގުޅޭ ޕްރޮޑަކްޓުތައް އެއްކޮށް މަނާ ކުރުމަކީ އެއްވެސް ހާލަތެއްގައި ހައްލެއް ނޫން ކަމަށެވެ. ކަޕްރާ އިން ގޮވައިލަނީ، ރަނގަޅު އިލްމީ ދިރާސާތަކަށް ބިނާކޮށް، ދުންފަތާ ގުޅޭ ޕޮލިސީތަކަށް ގައުމުތަކުން އަމަލު ކުރުމަށެވެ.
"އެއްވެސް ޝައްކެއް ނެތް، ވޭޕު މަނާކޮށްފިއްޔާ ދެން ބޭނުން ކުރަން ފަށާނީ ސިނގިރޭޓު. އެއީ ނުކުންނަން ބޭނުން ނުވާ އެންމެ ގޯސް ނަތީޖާ. އެއްވެސް ބާވަތެއް އެއްކޮށް މަނާ ކުރުމަކީ ހައްލެއް ނޫން. އަދި ދުންފަތާ ގުޅޭ އުސޫލުތައް އާ ޕްރޮޑަކްޓުތަކަށް [ހީޓިން ޓޮބޭކޯ ފަދަ] ކަނޑައެޅުމަކީ ވެސް ހައްލެއް ނޫން،" ނޭންސީ ވިދާޅުވި އެވެ.
ސިނގިރޭޓު ބޭނުން ކުރުން ހުއްޓާލުމަށް އެންމެ މަގުބޫލު ގޮތަކީ ވޭޕް ބޭނުން ކުރުން ކަމަށް ޕަބްލިކް ހެލްތު އިންގްލެންޑް އިން ހާމަކޮށްފައިވާ ކަން ވެސް ނޭންސީ ފާހަގަ ކުރައްވަ އެވެ. އިލްމީ ދިރާސާތަކަށް ބިނާކޮށް އެފަދަ ރަނގަޅު އުސޫލުތައް ގެންގުޅުމަށް ނޭންސީ ވަނީ އެހެން ގައުމުތަކަށް ވެސް ގޮވާލައިފަ އެވެ.
ދިވެހިރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ޑިސެމްބަރު، 2024، ގަ އެވެ. ވޭޕް މަނާ ކުރުމާއެކު ސިނގިރޭޓުން ނަގާ ޓެކްސް ވެސް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ފަހުން ވަގު ސިނގިރޭޓު އެތެރެ ކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. ކުރިން ލިބުނު އަގަށް ވުރެ ވަގު ސިނގިރޭޓު ގަންނަން ލިބޭ އަގު ވެސް ހެޔޮ ކަމަށްވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment