19 މޭ 2025 - 08:41 0
އިންޓަ ކޮޅަށް ގޯލު ޖެހުމަށް ފަހު ޕެޑްރޯ އުފާފާޅުކުރަނީ.
19 މޭ 2025 - 08:41 0
މިލާން (މެއި 19) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީން ރޭ ކުޅުނު މެޗުން ޕާމާއާ 0-0 އިން އެއްވަރުވިއިރު، ލީގުގެ ކުރިއަށް އަރަން އިންޓަ މިލާނަށް ލިބުނު ފުރުސަތު ލާޒިއޯއާ ފަހުތު ވަގުތު 2-2 އިން އެއްވަރުވުމުން ގެއްލިއްޖެ އެވެ.
ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮތްއިރު، ނަޕޯލީން އެއް ވަނައިގައި އޮތީ 79 ޕޮއިންޓާ އެކު އެވެ. އިންޓަ، ދެ ވަނައިގައި އޮތީ 78 ޕޮއިންޓް ހޯދައިގެންނެވެ.
ޕާމާ ދަނޑުގައި ކުޅުނު މެޗުގައި ނަޕޯލީން އެޓޭކްތަކެއް ކުރިއިިރު، ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. އެ ގޮތުން، ނަޕޯލީގެ މިޑްފީލްޑަރުން ކަމަށްވާ ސްކޮޓް މެކްޓޮމިނޭ އާއި ޒަމްބޯ އަންގީސާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ހުއްޓުވީ، ޕާމާގެ ކީޕަރު ޒިއޯން ސުޒޫކީ އެވެ.
އިންޓަ އިން އަމިއްލަ ދަނޑުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އިންޓަގެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔާން ބިސެކް އެވެ. ލާޒިއޯ އިން އެއްވަރުކުރީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ބާސެލޯނާގެ ކުރީގެ ފޯވާޑް ޕެޑްރޯ ރޮޑްރިޒޭސް އެވެ.
ލާޒިއޯ އިން އެއްވަރުކުރިތާ ހަތް މިނިޓް ފަހުން، އިންޓަ އަށް އަލުން ލީޑުނަގައިދިނީ ޑެންޒެލް ޑަމްފްރީސް އެވެ. އިންޓަ މޮޅުވާން ދަނިކޮށް ލާޒިއޯ އިން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގަ އެވެ. މިއީ، ލާޒިއޯގެ ވެލެންޓިން ކަސްޓެލާނޯސްގެ ޝޮޓެއް ބިސެކް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
އިންޓަ އިން ފަހު މެޗުގައި ބައްދަލުކުރާނީ ކޯމޯއާ އެވެ. އަދި، ނަޕޯލީން އަމިއްލަ ދަނޑުގައި ކުޅޭނީ ކަލިއަރީއާ އެވެ. ނަޕޯލީ މޮޅުވެއްޖެނަމަ އެ ޓީމަށް ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.
އިޓާލިއަން ލީގުގައި ރޭ، މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު އޭސީ މިލާން އަތުން ރޯމާ ވަނީ 3-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، އަންނަ ސީޒަނުގައި މިލާނަށް ޔޫރަޕް ފުޓްބޯޅައިގެ ފުރުސަތު ގެއްލުނީ އެވެ. މިލާން މި ވަގުތު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.
Comment