19 މޭ 2025 - 08:17 1
އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން: އިންޑިއާއިން ވަނީ ރާއްޖެއަށް މިފަހުން ބޮޑެތި އެހީތަކެއް ދީފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
19 މޭ 2025 - 08:17 1
އިންޑިއާ އާއި ދިވެހި ސަރުކާރުން އިއްޔެ ސޮއި ކުރި 13 އެގްރިމެންޓަކީ ރ. އުނގޫފާރުގައި ފެރީ ޓާމިނަލެއް އެޅުމަށް ހެދި އެއްބަސްވުމަކާއި އާރްޓީއެލްގެ ހިދުމަތަށް 12 ފެރީ ބަނުމަށް ހެދި އެއްބަސްވުމެއް ކަން އެނގިއްޖެ އެވެ.
އިއްޔެ ސޮއި ކުރި އެމްއޯޔޫތަކުގެ އަގު ސަރުކާރުން ހާމަ ކުރި ނަމަވެސް އެއްބަސްވުންތަކުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެއްބަސްވުމުގެ ޖުމުލަ އަގަކީ 100 މިލިއަން ރުފިޔާ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެތަނުން އެއް އެއްބަސްވުމަކީ އުނގޫފާރުގައި ފެރީ ޓާމިނަލެއް އެޅުމަށް ހެދި އެއްބަސްވުމެކެވެ. ބާކީ 12 އެއްބަސްވުމަކީ ފެރީ ބަނުމަށް ހެދި އެއްބަސްވުމެވެ. އެއްބަސްވުންތަކުގެ ދަށުން ފެރީތައް ދުއްވުމަށް ހަމަޖެހިފައި ވަނީ ރ. އަތޮޅާއި ބ. އަތޮޅުގަ އެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ހަފުލާއަށްފަހު ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެ އެއްބަސްވުންތަކުގެ ސަބަބުން ފެރީ ނެޓްވޯކް މުޅި ރާއްޖެއަސް ފުޅާ ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
އާރްޓީއެލް ފެރީ މިހާރު 81 ރަށަކަށް ދަތުރު ކުރެ އެވެ. އަދި ފެރީ ނިޒާމުން ނުވަ އަތޮޅެއް ވަނީ ގުޅުވާލައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އާރްޓީއެލް ފެރީ ނިޒާމު މުޅި ރާއްޖެއަށް ފުޅާ ކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާއާއެކު މިދިޔަ ޖެނުއަރީ މަހު ވެސް ރާއްޖެއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އޭގެ އިތުރުން އޮކްޓޯބަރު، 2024، ގައި ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އިންޑިއާއިން ރާއްޖެ އަށް އެތެރެ ކުރާ ހިލަ، ހިލަވެލި އަދި ބައެއް ޒަރޫރީ ކޯބާތަކެތި އެތެރެ ކުރަން ދީފައި އޮންނަ ކޯޓާ ވެސް އިންޑިއާއިން ވަނީ މި ފަހުން އިތުރުކޮށްދީފަ އެވެ. ކޯޓާ އިތުރުކޮށްދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުން ތަންފީޒު ކުރުމަށް ދެ ގައުމުން ވަނީ މުހިންމު އޮފިޝަލުން ހިމެނޭ ކޯ ގްރޫޕެއް ވެސް އެކުލަވާލައިފަ އެވެ.
އިންޑިއާއިން މި މަހު ކުރީކޮޅު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރު ދެއްކުން އަންނަ އަހަރަށް ފަސްކޮށްދީފަ އެވެ. ސެޕްޓެމްބަރު، 2024، ގައި ވެސް އިންޑިއާއިން ވަނީ އެ ލޯނު ރޯލްއޯވާ ކޮށްދީފަ އެވެ.
Comment