Advertisement

‏އެޕިކް ގޭމްސްގެ "ފޯޓްނައިޓް" އީޔޫ އާއި އެމެރިކާއަށް ނުލިބޭނެ‏

20 މޭ 2025 - 06:34 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

އެޕަލްއާއި އެޕިކް އާ ދެމެދު ކޯޅުންގަނޑެއް އުޅޭތާ އަހަރުތަކެއް ވެއްޖެ --


‏އެޕިކް ގޭމްސްގެ "ފޯޓްނައިޓް" އީޔޫ އާއި އެމެރިކާއަށް ނުލިބޭނެ‏

20 މޭ 2025 - 06:34 0

‏މަޝްހޫރު ވީޑިއޯ ގޭމް "ފޯޓްނައިޓް" ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާގެ ‏‏އައިފޯނުތަކަށް ނުލިބޭ ކަމަށް އެޕިކް ގޭމްސްއިން ހުކުރު ދުވަހު ހާމަކޮށްފި އެވެ. ‏‏އަދި މި ގޭމް އެޕަލްގެ އައިފޯން އޮޕަރޭޓިން ސިސްޓަމާއި އެޕް ސްޓޯރު ‏‏މެދުވެރިކޮށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނުލިބޭކަމަށް ބުނެ އެކަމުގެ ‏‏ކަންބޮޑުވުން އެޕިކް ގޭމްސްއިން ވަނީ ފާޅުކޮށްފަ އެވެ‏‎.‎

‏އެޕްސްޓޯރުތަކުން ފޯޓްނައިޓް ބްލޮކްކުރެވުނު ސަބަބެއް އެޕިކް ގޭމްސްއިން ‏‏ވެސް އެޕަލް އިންވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެޕަލްއިން ‏‏ބުނެފައިވަނީ، އެ އެޕްގެ އަޕްޑޭޓް އަލުން ހުށަހެޅުމަށް އެޕިކް ސްވީޑަންއަށް ‏‏އެދިފައިވާނެ ކަމަށެވެ. މިއީ އެހެން ގައުމުތަކުގައި ފޯޓްނައިޓަށް ‏‏އަސަރުކޮށްފާނެތީ ކުރި ކަމެއް ކަމަށް އެޕަލްއިން ބުނެފައިވެ އެވެ‏‎.‎

‎"‎‏އަޅުގަނޑުމެން އެހެން ޑިސްޓްރިބިއުޝަން މާކެޓްޕްލޭސްތަކުން ފޯޓްނައިޓްގެ ‏‏ލައިވް ވަރޝަން ނެގުމަށް އެއްވެސް ފިޔަވަޅެއް ނާޅަން" އެޕަލްގެ ތަރުޖަމާނެއް ‏‏ވިދާޅުވި އެވެ‏‎.‎

‏ޗައިނާގެ ޓެންސެންޓްގެ އެހީތެރިކަން ލިބިގެން ހިންގާ އެމެރިކާގެ ‏‏ކުންފުންޏެއް ކަމަށްވާ އެޕިކް ގޭމްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ގޭމް ‏‏ސްޓޫޑިއޯ އެވެ. 2017 ގައި ތައާރަފުކުރެވުނު ފޯޓްނައިޓްގެ "ބެޓަލް ރޯޔަލް" ‏‏ފޯމެޓް ވަރަށް އަވަހަށް މަޤްބޫލުވެ، މިލިއަނުން ގިނަ ކުޅުންތެރިން ‏‏ބައިވެރިވި އެވެ‏‎.‎

‎2020‏އިން ފެށިގެން އެޕިކް ގޭމްސްއާއި އެޕަލްއާ ދެމެދު "ގާނޫނީ ހަނގުރާމައެއް" ‏‏ހިނގަމުން ދާއިރު، އެޕަލްއިން އިން-އެޕް ޕޭމަންޓްތަކުން 30 ޕަސެންޓަށް ‏‏ވުރެ ބޮޑުނޫން ކޮމިޝަނެއް ނެގުމުގެ އާދަކާދައަކީ އެމެރިކާގެ އެންޓި-ޓްރަސްޓް ‏‏ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް އެޕިކް ގޭމްސްއިން ތުހުމަތުކުރި އެވެ‏‎.‎

‏ހުކުރު ދުވަހުގެ ވަގުތެއްގައި، އެމެރިކާގެ އެޕް ސްޓޯރަށް "ފޯޓްނައިޓް" ‏‏އަނބުރާ ގެނައުން ހުއްޓުވުމާ ގުޅިގެން އެޕަލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ‏‏އެޕިކް ގޭމްސްއިން ކެލިފޯނިއާގެ ފަނޑިޔާރެއްގެ ކިބައިން އެދިފައިވެއެވެ. ކޯޓަށް ‏‏ހުށަހެޅި ލިޔުމެއްގައި އެޕިކްއިން ބުނެފައިވަނީ، ކުރިން ކޯޓުން ނިންމާފައިވާ ‏‏ނިންމުމެއްގެ ދަށުން ފޯޓްނައިޓް ޑިސްޓްރިބިއުޓްކުރުމަށް އެޕަލްއަށް ‏‏ލާޒިމުކުރަންވާނެ ކަމަށެވެ‏‎.‎

‏އެޕަލްއިން އެޕް ބްލޮކްކުރުމަކީ "އެޕަލްއިން ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ‏‏ބުނެ އެޕިކްއިން ބުނެފައިވާއިރު، އެޕަލްއިން ކޯޓަށް ދޮގުހެކި ‏‏ހުށަހެޅިކަމަށްވެސް އެޕިކްއިން ކޯޓަށް ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.‏

‏އެޕަލްއިން 2020 ގައި ފޯޓްނައިޓް އެޕް ސްޓޯރުން މަނާކުރި ނަމަވެސް، ‏‏ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓާ އެއްގޮތަށް ބޮޑެތި ‏‏ޓެކްނޮލޮޖީ ކުންފުނިތަކުން ޢަމަލުކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތްތަކުން ‏‏ބާރުއެޅުމާ ގުޅިގެން، ފާއިތުވި އަހަރު އެޕް ސްޓޯރަށް ފޯޓްނައިޓް އަނބުރާ ‏‏ގެނެސްފައިވެ އެވެ.‏

‏ފާއިތުވި އަހަރު، ޔޫރަޕްގެ އައިފޯނުތަކާއި އައިޕެޑްތަކުގައި އެޕިކް ގޭމްސްގެ ‏‏މާކެޓްޕްލޭސް އެޕް ބޭނުންކުރުމަށްވެސް އެޕަލްއިން ހުއްދަދީފައިވެ އެވެ.‏

‏މީގެ އިތުރުން، މި މަހުގެ ކުރީކޮޅު އެޕަލްއާ ދެކޮޅަށް އެޕިކް ގޭމްސްއިން ‏‏ހުށަހެޅި ކޯޓު މައްސަލައެއްވެސް އެޕަލްއިން ކާމިޔާބުކޮށްފައިވެ އެވެ.‏