25 މޭ 2025 - 21:18 3
އަހުމަދު އާއިދު
ހޯމް މިނިސްޓަރު އިހުސާން (ވ)، އެކްޓިން ސީޕީ ނަވީން (މ)، ޑީސީޕީ ފަރުހާދު (ކ): ޔުމްނު ވެއްޓުނު ހާދިސާގައި ހިމެނޭ ދެ މީހަކު ޔޫރިން ދޭން ދެކޮޅު ހެދިކަމަށް ބުނެ ފުލުހުން ހެދީ ދޮގު ---- ފޮޓޯ: ރައީސް އޮފީސް
25 މޭ 2025 - 21:18 3
މިދިޔަ މަހު 17 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓި އަނިޔާވި މައްސަލާގައި ހިމެނޭ ދެ މީހަކު ކުޑަކަމުދާތަކެތި ދޭން އިންކާރުކުރި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން އެނގިއްޖެ އެވެ.
މައްސަލާގައި ހިމެނޭ ދެ މީހަކު ޔޫރިން ސާމްޕަލް ދޭން ދެކޮޅު ހެދި ކަމަށް ފުލުހުން ފުރަތަމަ ބުނީ އެޕްރީލް 22، ގެ ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސިއްރު ބައްދަލުވުމުގަ އެވެ. އޭގެ ދެ ދުވަސް ފަހުން ފުލުހުން ލައިވްކޮށް ބްރޮޑްކާސްޓުކުރި ޕްރެސްގައި ކުރީގެ ސީޕީ އަލީ ޝުޖާއު ވެސް އެ ވާހަކަ ވިދާޅުވި އެވެ.
ޔޫރިން ސާމަޕް ދޭން ދެކޮޅު ހެދުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
މިކަމާ ގުޅިގެން އަދަދު އިން ހޯދި މައުލޫމާތުން ކަށަވަރުވެފައިވާ ގޮތުގައި ޔޫރިން ސާމްޕަލް އަށް އެދުނު ކަމަށާއި ދެ މީހަކު ސާމްޕަލް ދޭން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގެވެ. އެ މައުލޫމާތު އެކަކަށްވުރެ ގިނަ މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ.
އެގޮތުން ޔޫރިން ސާމްޕަލް އަށް އެދުމަށް ފުލުހުން ފުރިހަމަކުރަން އޮންނަ އިޖުރާތްތައް ފުރިހަމަ ނުކުރާ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ސާމްޕަލް އަށް ނޭދޭ ކަމަށް، މި ހާދިސާއާ ގުޅޭ މައުލޫމާތު އިނގޭ ފަރާތަކުން ކަށަވަރުކޮށްދީފައިވެ އެވެ.
ފުލުހުން އާންމުކުރި މި ދޮގު މައުލޫމާތާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ޔޫރިން ދޭން ދެކޮޅު ހެދި ބަޔަކު ހައްޔަރުނުކުރީ ކީއްވެތޯ ނޫސްވެރިން ވެސް ސުވާލުކުރި އެވެ. އެ ސުވާލުތަކަށް ފުލުހުން ސީދާ ޖަވާބެއް ނުދެ އެވެ.
މިކަމުގައި ދޮގު ހަދާފައިވާ ކަމަށް މައުލޫމާތު ލިބިގެން މި ނޫހުން ފުލުހުންނާ ސުވާލުކުރުމުން އެ ހިދުމަތުން ވަނީ ޖަވާބު ދޭން ދެކޮޅު ހަދާފަ އެވެ. ފުލުހުންގެ މީޑިއާ ޓީމުން ފޮނުވި މެސެޖުގައި ބުނީ މި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލާ، އެ ކޮމިޝަނުން ތަހުގީގު ކުރިއަށް ގެންދަނިކޮށް ކޮމެންޓު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.
ދެ މީހަކު ޔޫރިން ދޭން ދެކޮޅު ހެދި ކަމަށް ފުލުހުން ބުނުމުން، އެފަދަ މައްސަލަތަކުގައި މީގެ ފަހުން ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ފުލުހުންނަށް އަންގާފަ އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރޭ ފެންޓެނޯއީ ގައި ޔުމްނު އާއެކު ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް، 22، އެކަންޏެވެ. ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ރައުދު ދޫކޮށްލުމަށް ފަހު ދެވަނަ ފަހަރަށް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ރައުދު އާއި ޔުމްނުގެ އިތުރުން ވެސް އެ ރޭ އެ މީހުންނާއެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ފުލުހުން އާންމުކުރި އެވެ. ޔޫރިން ނުދޭ ކަމަށް ފުލުހުން ބުނީ މީގެތެރެއިން ދެ މީހެކެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާ ބަޔާން ވަނީ ނަގާފަ އެވެ.
މިހާތަނަށް ފުލުހުންނަށް ޔުމްނުގެ ބަޔާން ނެގިފައެއް ނުވެ އެވެ. އެކަން ކުރުމަށް އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ އޭނާގެ ބަޔާން މެލޭޝިއާ ފުލުހުން މެދުވެރިކޮށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން މެއި 22، ގައި ބުންޏެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން އެކަން ދޮގުކޮށް ބުނީ ފުލުހުން އޭނާގެ ބަޔާން ނަގަން ރަސްމީކޮށް ނޭދޭ ކަމަށެވެ.
Comment