Advertisement

އެސްޓީއޯއިން ހުޅުމާލޭގައި ހެދި ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކުރަނީ

17 މޭ 2025 - 22:03 0

ހުޅުމާލޭ ފިހާރަބަރިތަކުގައި ހުންނަ އެސްޓީއޯގެ ސްމާޓު ސްޓޯރު: މި ތަން ބަންދުކުރަނީ ހުޅުވިތާ ދެ އަހަރު ވެސް ނުވަނީސް -- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އެސްޓީއޯއިން ހުޅުމާލޭގައި ހެދި ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކުރަނީ

17 މޭ 2025 - 22:03 0

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ހަދާފައި ހުރި ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް އެ ކުންފުނީގެ މެނޭޖުމަންޓުން އިއުލާންކޮށްފި އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މިކަން އިއުލާންކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ސްމާޓް ފިހާރަ ފާމަސީއަކަށް ބަދަލުކުރަން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭސް ގަތުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

އެސްޓީއޯ ސްމާޓް ސްޓޯރަކީ ކޭޝިއަރަކާ ނުލާ ވިޔަފާރި ކުރެވޭ ރާއްޖޭގައި ހެދި ފުރަތަމަ ފިހާރަ އެވެ. މިތަން ފާމަސީއަކަށް ބަދަލުކުރަނީ، ޝިމާދު ވިދާޅުވި ގޮތުގައި، ޑިޖިޓަލް ވަސީލަތްތަކުން ދުރަށް ދިޔުމުގެ ބަދަލުގައި މި ވަގުތަށް ބޭނުން ޖެހިފައިވާ ފާމަސީގެ ދަތިތަކަކަށް އަވަސް ހައްލެއް ހޯދުމަށެވެ.

އެސްޓީއޯ ސްމާޓް ސްޓޯރު ހުންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ފިހާރަ ބަރިތަކުގަ އެވެ. މިއީ ލޮކޭޝަނުގެ ގޮތުން ބަލާ ކަމުގައި ވަނީ ހުޅުމާލޭގެ މެދަށް ވާ ގޮތަށް ފަސޭހައިން 'އެކްސެސް' ވެވޭ ގޮތަށް ހުންނަ ސަރަހައްދެެކެވެ. މި ފިހާރު ހުޅުވީ ޖުލައި، 2023 ގައި އެވެ.

ހުޅުމާލޭގައި ހަދާ ފާމަސީގެ އިތުރުން، ބޭސް ލިބުމުގެ ދަތިތަކަކަށް ހައްލު ހޯދަން އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭގައި ވެސް އިތުރު ފާމަސީއެއް ވަނީ ހުޅުވާފަ އެވެ. މި ފާމަސީ ހުންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

މިރޭ ބޭއްވި އޭޖީއެމްގައި ވެސް، ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދޭން އެ ކުންފުނިން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެސްޓީއޯއިން މި ޔަގީންކަން ދިން އިރު، ގިނަ ބަޔަކު އަންނަނީ ބޭސް ލިބުން އިންތިހާއަށް ދަތިކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އަދި މިކަން ހައްލުކުރަން ސަރުކާރުން އެކި ތާރީހުތައް ދިން ނަމަވެސް މިހާތަނަށް ބޭސް ލިބުން ފަސޭހައެއް ނުވެ އެވެ.

މި ފަހުން އެސްޓީއޯއިން ވަނީ އިންޑިއާގެ ކުންފުންޏަކާ އެކީ ވެސް ބޭސް ސޯސް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ އިތުރުން އެ ކުންފުނިން މިހާރު ވެސް އަންނަނީ ޔޫރަޕުގެ ބޭސް އުފައްދާ ކުންފުނިތަކާ އެކީގައި ވެސް އެއްބަސްވުންތަކުގައި ސޮއިކޮށް ބޭސް ސަޕްލައިކުރަމުންނެވެ.