18 މޭ 2025 - 10:23 0
އަމަން ހަލީމް
ހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީކުރި ސިޓީ ހޮޓާ: މި ތަނާ ހަވާލުވީ އެޗްޑީސީން، މިހާރު ވަނީ އެހެން ބަޔަކަށް ދީފައި -- ފޮޓޯ: އެޗްޑީސީ
18 މޭ 2025 - 10:23 0
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޓޫރިޒަމް ސިނާއަތަށް ވަނުމަށް ހުޅުމާލޭގައި ތަރައްގީކުރަން ފަށައި، ބޮޑު ބައި މަސައްކަތް ނިމުމަށް ފަހު މަސައްކަތް ހުއްޓުނު ސިޓީ ހޮޓަލުގެ ބަދަލުގައި ހުޅުމާލޭ ފޭސް ތިނަކުން 40،000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިކަން އިއުލާންކުރައްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ބިން ހަމަޖެހި، އެކަމުގެ ސިޓީ ލިބި، އެ ކުންފުނީގެ ނަން މައްޗަށް ބިން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މި ބިން ހުންނަނީ ފޭސް ތިނަކުން ހިއްކާ ނިމިފައިވާ ސަރަހައްދުން ކަމެއް ނުވަތަ މިހާތަނަށް ހިއްކަން ނުފަށާ ސަރަހައްދުން ކަމެއް ނުބުނެ އެވެ.
އެސްޓީއޯގެ ސިޓީ ހޮޓަލަކީ އެ ކުންފުންޏަށް ޑޮލަރު ހޯދަން އެ ކުންފުނީގެ ބޯޑުން 2006 ގައި ނިންމައިގެން ފެށި މަސައްކަތެކެވެ. މި ނިންމުމުގެ ދަށުން "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011 ގަ އެވެ.
އޭގެ ފަހުން، އެ ތަނުގެ މަސައްކަތް ހުއްޓުމާ ގުޅިގެން، އެކި ފަހަރު މަތިން އެތަން ވިއްކާލަން އެސްޓީއޯއިން މަސައްކަތް ކުރި އެވެ. އަދި މި ތަނަށް ބޮޑު އިންވެސްޓެއްކޮށް އެއްވެސް އާމްދަނީއެއް ނުލިބި ގިނަ ދުވަސްވާތީ އެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
މި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ފަހުން، މި ތަނާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުވާން ނިންމި އެވެ. އަދި މި ފަހުން އެޗްޑީސީން ވަނީ މި ތަން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްފި އެވެ. މިއީ މެންހަޓަން ބިޒްނަސް ހޮޓާ ހިންގާ ކުންފުނީގެ ހިއްސާދާރަކާ ގުޅުން އޮންނަ ކުންފުންޏެކެވެ.
އެޗްޑީސީން ބުނީ މި ކުންފުންޏަކީ ސީދާ އެކަމަށް ހާއްސަކޮށްގެން ހެދި ކުންފުންޏެއް ކަމަށެވެ. މި ތަނުގައި ހޮޓަލުގެ އިތުރުން ތިން ފްލޯއެއް ހަމަޖައްސާފައި ވަނީ މީޑިއާ ވިލެޖު ހިމެނޭހެން ސަރުކާރުގެ ބޭނުންތަކަށެވެ.
Comment