Advertisement

މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން ފާސްކުރެވުނީ އެންމެ ނުވަ ބިލު

15 މޭ 2025 - 19:13 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން ފާސްކުރެވުނީ އެންމެ ނުވަ ބިލު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން ފާސްކުރެވުނީ އެންމެ ނުވަ ބިލު

15 މޭ 2025 - 19:13 2

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ފާސްކުރެވުނީ އެންމެ ނުވަ ބިލުކަމަށް މަޖިލީހުގެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލީ މިއަދު އެވެ. ދައުރުގެ ފަހު ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ދައުރުގައި 32 ޖަލްސާއެއް ބާއްވާ ނުވަ ބިލު ފާސްކުރިކަން އިއުލާނުކޮށްފަ އެވެ.

މިއަދު އާންމުކުރި ތަފްސީލީ ތަފާސްހިސާބުތަކުގައި މި ދައުރުގައި މަޖިލީހުން ވަނީ ޖުމްލަ 19 ބިލެއްގެ މަސައްކަތް ކޮށްފަ އެވެ. އެއީ މިދިޔަ ދައުރުން ލިބުނު ނުވަ ބިލަކާއި އަލަށް ހުށަހެޅި 10 ބިލެކެވެ. ފާސްނުކުރާ 10 ބިލުގެ ތެރެއިން ނުވަ ބިލެއް ކޮމިޓީގައި އޮތްއިރު އެއް ބިލު އޮތީ ތަޅުމުގަ އެވެ.

މި ދައުރުގެ ތެރޭ ފާސްކުރި މުހިންމު ބިލުތަކުގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ބިލާއި ގޭންގު ބިލު ހިމެނެ އެވެ.

މީގެ އިތުރުން މި ދައުރުގައި ސަރުކާރުން ހުށަހެޅި 38 މަސައްކަތެއް ކޮށް 37 މަސައްކަތެއް މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި، ރިޔާސަތުން ހުށަހެޅި ނުވަ މަސައްކަތެއްގެ ތެރެއިން ހަތް މަސައްކަތެއް މަޖިލީހުން ނިންމި އެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ދަށްކަމަށް ފާހަގަވީ ވަޒީރުންނާ ކުރާ ސުވާލުތަކެވެ. މިދިޔަ ދައުރުން ލިބުނު ސުވާލުތަކާއެކު މެންބަރުން ކުރި 48 ސުވާލެއް އޮތް އިރު އޭގެތެރެއިން ނިމުނީ 34 ސުވާލެވެ. ތަޅުމުގައި އަދިވެސް 14 ސުވާލެއް އެބައޮތެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވަޒީރުންނާ ކުރާ ސުވާލުތައް ލަސްވުމާ ގުޅިގެން އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް މިދިޔައީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްޗަށް ހިންގި ގައިރު ގާނޫނީ ތަހުގީގަށް ބިނާކޮށް އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށްފަހު އެވެ.

މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި މައްސަލައަކަށް ރިއާޔަތްކޮށެވެ. އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖޭއެސްސީގެ ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނިކޮށެވެ.