Advertisement

ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން "ހޭލުންތެރި" ކުރަނީ

15 މޭ 2025 - 14:30 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރިޔާސީ ކެމްޕޭނުގެ ތެރެއިން ރައީސް މުއިއްޒު ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: އެމަނިކުފާނު ބޭނުންވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުން ރައްޔިތުން 'ހޭލުންތެރި' ކުރަން މަސައްކަތް ކުރާނެ ކަމަށް ރައީސް މިއަދު ވިދާޅުވި --- ފޮޓޯ: އަދަދު


ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން "ހޭލުންތެރި" ކުރަނީ

15 މޭ 2025 - 14:30 4

ގާނޫނުއަސާސީއަށް އެމަނިކުފާނު ހުށަހަޅުއްވާ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުގެ ކުރިން ސަރުކާރުން އިސްނަގައިގެން 'ހޭލުންތެރިކަމުގެ' ކެމްޕޭނެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ މިއަދު އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ. މި އެޕިސޯޑުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި ދެއްކެވީ ގާނޫނުއަސާސީއަށް ގެންނަ މައިގަނޑު ބަދަލުތަކުގެ ވާހަކަ އެވެ.

އެގޮތުން މި އަހަރު ނަގާނެ ކަމަށް ބުނާ ފެންނަ ނުފެންނަ ވޯޓުގެ ކުރިން ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގައި ދައުލަތުގެ މުއައްސަސާތައް ބައިވެރިވާނެ ކަމުގެ އިޝާރާތެއް ވެސް ރައީސް ދެއްވި އެވެ.

"އާދެ، ރައްޔިތުން ހޭލުންތެރިކުރުވުމަށް ހަމަ ސަރުކާރުން ވަރަށް އިސްނަގައިގެން ޕްރޮގްރާމްތަކެއް ހިންގާނަން. އަދި އަޅުގަނޑު އުންމީދު ކުރަން، ރައްޔިތުންގެ މަޖިލީހުން ވެސް އަދި ޖުމްލަކޮށް ހަމަ ހުރިހާ މުއައްސަސާތަކުން ވެސް މީގައި އެ ބޭފުޅުންގެ ދައުރު އަދާކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، މި ބަދަލުތައް ގެނައުމަށް ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ހިމެނެނީ ރައްޔިތުންނަށް ވަރަށް މުހިންމު ހައްގުތަކެއްގެ ވާހަކަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އިތުރަށް ބާރުވެރިކުރުވާ ވާހަކަ މި ދައްކަނީ. އެހެންވީމާ، އެކަމުގައި ހަމަ ރައްޔިތުން ހޭލުންތެރިކުރުވުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ޕްރެފެރެންޝަލް ސިސްޓަމަކަށް ބަދަލުކުރުމުގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ގެންނަ ބަދަލުތައް ހިމެނެ އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ރައްޔިތުންގެ ނުފެންނަ ވޯޓު މި އަހަރުގެ ތެރޭ ނަންގަވާނެ ކަމަށެވެ. މި ވޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. ނަމަވެސް ވޯޓު ބާއްވާނެ ވަކި ތާރީހެއް އެމަނިކުފާނު ހާމައެއް ނުކުރައްވަ އެވެ.