15 މޭ 2025 - 13:20 0
ލަންކާގެ ރައީސް އަނޫރާ އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ. ލަންކާއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ގައުމަކީ އިންޑިއާ --- ފޮޓޯ: ރޮއިޓާސް
15 މޭ 2025 - 13:20 0
ކޮލޮމްބޯ، ސްރީލަންކާ (މެއި 15) - ސްރީލަންކާގެ ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 931 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްދިނުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފި އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ތެރޭގައި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް) އިން ސްރީލަންކާއަށް ދީފައިވާ ހަތް ލައިން އޮފް ކްރެޑިޓާއި ހަތަރު ބަޔާސް ކްރެޑިޓް ފެސިލިޓީ އެގްރީމެންޓް ހިމެނޭ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މާލީ ގޮންޖެހުންތައް ބޮޑުވެ ލަންކާއިން 2022 ވަނަ އަހަރު ބަނގުރޫޓުވިކަން އިއުލާން ކުރުމާ އެކު އެންމެ ބޮޑު އެހީތެރިކަމެއް ދިން އެއް ގައުމަކީ އިންޑިއާ އެވެ. އެކި ގޮތްގޮތުން ލަންްކާއަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ފޯރުކޮށްދިނެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ލަންކާއިން ވަނީ ޖަޕާނާ އެކު ވެސް އެއްބަސްވުމެއް އެކުލަވާލައި އެ ގައުމަށް ދައްކަން ޖެހޭ 2.5 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްފަ އެވެ.
ޗައިނާ ސަރުކާރާ އެކު މިފަދަ އެއްބަސްވުމެއް ގާއިމުކުރަން ވެސް ލަންކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ލަންކާއިން ޗައިނާއަށް 4.75 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ.
Comment