Advertisement

ބަންކަރިން އިން ހަތް މަހުން ލިބުނީ ހަތް މިލިއަން ޑޮލަރުގެ އާމްދަނީއެއް: ސައީދު

15 މޭ 2025 - 14:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިކޮނޮމިކް މިނިސްޓަރު ސައީދު: މީގެ ކުރިން ސައީދު ވަނީ މި އަދަދު ހާމަކުރަން ދެކޮޅުހައްދަވާފައި --- ފޮޓޯ: ރައީސް އޮފީސް


ބަންކަރިން އިން ހަތް މަހުން ލިބުނީ ހަތް މިލިއަން ޑޮލަރުގެ އާމްދަނީއެއް: ސައީދު

15 މޭ 2025 - 14:15 0

އިގުތިސޯދު ސިންދަފާތުކޮށް، އާމްދަނީ ލިބޭ ސިނާއަތްތައް އިތުރުުކުރުމުގެ މަގުސަދުގައި މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނީ ހަތް މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ބަންކަރިން ހިދުމަތުން މިހާތަނަށް ހަތް މިލިއަން ޑޮލަރު ލިބުނު ކަމަށް ސައީދު މި ވިދާޅުވީ، އެ ހިދުމަތް ފަށާތާ އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި 7، ގައި ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވުމަށް ފަހުގަ އެވެ.

"ރައީސުލްޖުމްހުރިއްޔާ ދެއްވި ދިގު ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނާ އަމާޒުކޮށް ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވިދާޅުވީ، 7.4 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ލިބިއްޖޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ބަންކަރިން އިން ލިބޭ އާމްދަނީއާ ގުޅޭ ގޮތުން ނޫސްވެރިންނާއި ރައްޔިތުން އަބަދު ސުވާލުކުރާތީ އޭނާ އުފާ ކުރައްވާ ކަމަށެވެ. އަދި ބަންކަރިން ހިދުމަތުން ލިބޭ އާމްދަނީ ގެ އަދާހަމަ ކޮންމެ ދުވަހަކު ބައްލަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އާމްދަނީގެ އަދާހަމަ ގަވާއިދުން ބައްލަވާ ކަމަށް ވިދާޅުވި ނަމަވެސް، އެންމެ ފަހުން ރައީސް އޮފީހުގެ ޕްރެސް ރޫމްގައި ސައީދު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސުވާލަށް ޖަވާބު ދެއްވަން އޭނާ ދެކޮޅުހެއްދެވި އެވެ. އެ ދުވަހު ސައީދު ވިދާޅުވީ އެ މައުލޫމާތު ހާމަކުރަން ޖެހޭނީ އެ ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯއިން ކަަމަށާއި، އޭނާ އެ މައުލޫމާތު ހާމަކުރުން އެހާ ރަނގަޅެއް ނުވާނެ ކަމަށެވެ.

ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ސައީދު ވަނީ ބަންކަރިން ހިދުމަތް ދޭން ފެށި ފަހުން ހިނގި މުއްދަތު ވެސް އޮޅުވާލައްވާފަ އެވެ. އެ ހިދުމަތް ދޭން ފެށިތާ ހޭދަވީ މުއްދަތު އިނގިލިން ގުނުއްވަމުން، އޭނާ ވިދާޅުވީ ސެޕްޓެމްބަރުން ފެށިގެން މިއަދާ ހަމައަށް ވީ ފަސް މަހާއި ދުވަސްކޮޅެއް ކަމަށެވެ.

"އެއީ ސެޕްޓެމްބަރު 18، ވަނަ ދުވަހުން ފެށީ. އޮކްޓޯބަރު، ނޮވެމްބަރު، ޑިސެމްބަރު، ޖެނުއަރީ، ފެބްރުއަރީ، މާޗު... މިހާރު މެއިގަ މި ތިބީ. ގާތްގަނޑަކަށް ފަސް މަހާއި ދުވަސްކޮޅެއް މިވީ. ކުޑައެއް ނޫނެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

މި ހަތް މިލިއަނުގެ ތެރެއިން 95 އިންސައްތަ އަކީ ބަންކަރިންގެ ތެރެއިން ރާއްޖެއަށް މުޅިން އަލަށް އެތެރެކުރި ލޯ ސަލްފާ ތެޔޮ ވިއްކައިންގެ ލިބުނު އާމްދަނީ ކަމަށް ސައީދު ރޭ ވިދާޅުވި އެވެ. އަދި، އެ ތެލަށް އޮތް ޑިމާންޑު މަތިވަމުންދާ ކަން ފާހަގަކުރެއްވި އެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭނީ ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެންނެވެ. އެގޮތުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

އެސްޓީއޯއިން މިހާތަނަށް އާންމުކުރި މައުލޫމާތު އެނގޭ ގޮތުގައި ބަންކަރިންގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ގެނައީ ތެލުގެ ދެ ޝިޕްމަންޓެއް ވަނީ ގެނެސްފަ އެވެ.