Advertisement

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ހެދި ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު އާންމުކޮށްފި

15 މޭ 2025 - 08:35 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުނައްވަރު: ކޮމިޝަނުގެ ނިންމުންތައް ނިންމަން މަސައްކަތް ކުރަންވާނީ އިއްތިފާގުން ކަމަށް ގަވާއިދުގައި ބުނެފައިވޭ -- ފޮޓޯ: ރައީސް އޮފީސް


ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ހެދި ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު އާންމުކޮށްފި

15 މޭ 2025 - 08:35 0

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ހެދި ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު ބުދަ ދުވަހު ގެޒެޓު ކޮށްފި އެވެ.

ޔުމްނު، 21، ގެ މައްސަލަ ތަހުގީގު ކުރަން ހެދި ކޮމިޝަނުގެ ހިންގާ ގަވާއިދުގައި އެ ކޮމިޝަނުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ބާރުތަކާއި ކޯރަމް އާއި މެންބަރުންގެ ސުލޫކީ މިންގަނޑުތައް ވަނީ ބަޔާންކޮށްފަ އެވެ.

އޭގެ އިތުރުން، ތަހުގީގު ކުރުމުގެ އުސޫލުތަކާއި އިޖުރާއަތްތައް ވެސް އެ ގަވާއިދު ބަޔާންކޮށްފައިވެ އެވެ. އަދި ކޮމިޝަނަށް މުވައްޒަފުން އައްޔަން ކުރުމާއި އެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ވެސް އެ ގަވާއިދުގައި ބަޔާންކޮށްފަ އެވެ. ގަވާއިދުގައިވާ ގޮތުން ކޮމިޝަނަށް މުވައްޒަފުން އައްޔަން ކުރަނީ ރައީސް އޮފީހުންނެވެ.

ހިންގާ ގަވާއިދުގައި ބުނެފައިވާ ހަފުތާއަކު މަދުވެގެން ކޮމިޝަނުގެ ފަސް ބައްދަލުވުމެއް ބާއްވަންޖެހެ އެވެ. އެއްވެސް މެންބަރަކު ބައްދަލުވުމަށް ހާޒިރުވާން އުޒުރުވެރިވާ ނަމަ އެކަން އެއް ގަޑިއިރު ކުރިން އަންގަންޖެހެ އެވެ. އަދި ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ނެތީސް ކޮމިޝަނުގެ ބައްދަލުވުމަކަށް ހާޒިރުނުވުމަކީ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން ސުލޫކީ މައްސަލައެކެވެ.

ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން ތިން މެންބަރުންގެ ކޯރަމެއް ހަމަވާންޖެހެ އެވެ. އަދި އެއްވެސް ބައްދަލުވުމެއްގައި ގޮތެއް ނިންމޭނީ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ނަމަވެސް، މެންބަރުންގެ އިއްތިފާގުން ކަންކަން ނިންމަން މަސައްކަތް ކުރަންވާނެ ކަމަށް ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ.

އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާ ތަހުގީގު ކުރަން ހެދި ކޮމިޝަނަށް ފަސް މެންބަރަކު ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި އެވެ. އެ ކޮމިޝަނުގެ ރައީސްއަކީ ޑރ. މުހައްމަދު މުނައްވަރެވެ. އޭނާގެ އިތުރުން ކޮމިޝަނުގައި ހިމެނޭ މެންބަރުންކަކީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އާއި ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އާއި އައިމިނަތު އީނާސް އެވެ.

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ކޮމިޝަނެއް ހަދަން ޖެހުނީ އެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހާމަވުމުންނެވެ. އެގޮތުން، ޔުމްނު ވެއްޓުނު ވަގުތު އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރަން ފަސްޖެހުމާއި މައްސަލައިގައި ހިމެނޭ ގެތައް ބަލައި ފާސް ނުކުރުމާއި ޔުމްނު ވެއްޓުނު ގޭގެ ބައެއް ފަންގިފިލާތަކުގައި ކެމެރާ ހުރި އިރު ވެސް ކެމެރާ ނެތް ކަމަށް ބުނުން ހިމެނެ އެވެ.