15 މޭ 2025 - 08:11 0
އަހުމަދު ދާއޫދު
15 މޭ 2025 - 08:11 0
ގޭމިން ހިދުމަތްތަކުގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީ ބިޔަ ކުންފުނި ޓެންސެންޓްގެ ފައިދާ 13 އިންސައްތަ އިތުރުވެއްޖެ އެވެ.
ޓެންސެންޓުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި ކުރިއެރުން ލިބިފައިވަނީ ކުންފުނީގެ މައިގަނޑު ވިޔަފާރިއެއް ކަމުގައިވާ ގޭމިންގ ޔުނިޓުގެ ފާހަގަކޮށްލެވޭ ކުރިއެރުމުގެ ސަބަބުންނެވެ.
ޓެންސެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުންޏަށް 180.02 ބިލިއަން ޔުއާން (25 ބިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. މީގެ އިތުރުން، މި މުއްދަތުގައި ކުންފުނީގެ ސާފު ފައިދާވެސް އަހަރުން އަހަރަށް 14 އިންސައްތަ އިތުރުވެ، 47.8 ބިލިއަން ޔުއާން (6.63 ބިލިއަން ޑޮލަރު) އަށް އަރާފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ގޭމިންގ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓެންސެންޓްގެ މައިގަނޑު އާމްދަނީ ލިބެނީ މަގުބޫލު ގޭމްތަކުންނެވެ. "ހޮނަރ އޮފް ކިންގްސް" އަދި "ޕީސްކީޕަރ އެލައިޓް" ފަދަ މަޝްހޫރު ގޭމްތަކާއި، "ޑީއެންއެފް މޮބައިލް" ފަދަ އައު ގޭމްތަކުގެ ސަބަބުން، ޗައިނާގެ އެތެރޭގެ ގޭމިންގ އާމްދަނީ އަހަރުން އަހަރަށް 24% އިތުރުވެ، 42.9 ބިލިއަން ޔުއާން (5.95 ބިލިއަން ޑޮލަރު) އަށް އަރާފައިވެ އެވެ.
ބައިނަލްއަގުވާމީ ގޭމިންގ ޑިވިޝަނުން ލިބުނު އާމްދަނީވެސް 23% އިތުރުވެ، 16.6 ބިލިއަން ޔުއާން (2.3 ބިލިއަން ޑޮލަރު) އަށް އަރާފައިވެ އެވެ. މި ކުރިއެރުން ލިބިފައިވަނީ "ބްރޯލް ސްޓާރސް" އަދި "ޕަބްޖީ މޮބައިލް" ފަދަ ގޭމްތަކުގެ ސަބަބުންނެވެ.
ޓެންސެންޓަކީ ޗައިނާގެ އެންމެ ބޮޑު މެސެޖިންގ އެޕް ކަމުގައިވާ ވީޗެޓްގެ ވެރިފަރާތްވެސް މެ އެވެ. ވީޗެޓްގައި އިން-އެޕް މިނި ގޭމްތައް ހިމެނޭ އިރު، އެއީ މަހަކު 1.4 ބިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ބޭނުންކުރާ އެޕެކެވެ.
ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ، "2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި، އެކުންފުނީގެ ފެންވަރު ރަނގަޅު އާމްދަނީ ލިބޭ ދާއިރާތަކުން ހަރުދަނާ ކުރިއެރުމެއް ދަމަހައްޓާފައިވާކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގާބިލުކަން މިހާރުވެސް އެކުންފުނީގެ ވިޔަފާރިތަކަށް، ހާއްސަކޮށް ޕަރފޯމަންސް އިޝްތިހާރުކުރުމާއި އެވަރގްރީން ގޭމްތަކަށް، ފާހަގަކުރެވޭ މިންވަރަކަށް ހިއްސާކޮށްފައިވެ އެވެ.
Comment