Advertisement

ސިޔާސީ މުވައްޒަފުންގެ މަސައްކަތް ހަރުދަނާ ކުރަން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

14 މޭ 2025 - 20:50 1

މިއަދު ފެށި ޕްރޮގްރާމުގެ ތެރެއިން: ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ވަނީ ސިއްރުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް


ސިޔާސީ މުވައްޒަފުންގެ މަސައްކަތް ހަރުދަނާ ކުރަން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

14 މޭ 2025 - 20:50 1

ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން ހިމެނޭ ގޮތަށް ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމަށް ރައީސް އޮފީހުން ދިން ނަމަކީ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އެވެ.

ރައީސް އޮފީހުން ބުނީ އެ ޕްރޮގްރާމަކީ އެ އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕާފޯމަންސް މެނޭޖްމަންޓް ޔުނިޓުގެ އިސް ނެގުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.

‎"އީޑީޕީއަކީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕާފޯމަންސް ހަރުދަނާ ކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެއް،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ޕްރޮގްރާމުގައި ހިންގުމުގެ ހުނަރުތައް ދަސްކޮށްދީ، އިދާރާތަކުގެ މެދުގައި މުއާމަލާތް ކުރަން ހުރި ގޮންޖެހުންތައް ހައްލުކޮށް، އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ޕްރޮގްރާމުގެ ދަށުން މިއަދު ވަނީ ހާއްސަ ލެކްޗާއެއް ކުރިއަށް ގެންގޮސްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޕަބްލިކް ސްޕީކާ އަފީފް ހުސެއިން ހުށަހެޅުއްވި އެ ލެކްޗާގެ މައުލޫއަކީ "ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ސަގާފަތެއްގެ ތެރެއިން ގަައުމުގެ ތަސައްވުރު ބަދަލުކުރުން" ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އެކަމަކު، ރައީސް ވިދާޅުވެފައި ވަނީ ސަރުކާރު މުވައްޒަފުންގެ ޖުމުލަ އަދަދަކީ "ގާތްގަނޑަކަށް" 49،000 މީހުން ކަމަށާއި އޭގެ ތެރެއިން ސިޔާސީ މީހުންގެ އަދަދަކީ ތިން ޕަސެންޓު ކަމަށެވެ.

ރައީސް އެ ހިސާބަށް ބަލާ ނަމަ މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1470 މީހުންނެވެ. އެކަމަކު، ރައީސް ވާހަކަ ދެއްކެވި މޭރުމުން އެއީ ސީދާ އަދަދު ކަމެއް ސާފެއް ނުވެ އެވެ.