Advertisement

އަތްްއުރާލައިގެން ނުތިބެ މަސައްކަތް މި ކުރަނީ 10 އަހަރުގެ ޕްލޭނަކަށް: ލަތީފް

14 މޭ 2025 - 12:08 1

އަތޫފް އާތިފް

އަތޫފް އާތިފް

ވީއޭއެމް އިން ބޭއްވި ކޮންގްރެސްއެއްގެ ތެރެއިން ލަތީފް.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް


އަތްްއުރާލައިގެން ނުތިބެ މަސައްކަތް މި ކުރަނީ 10 އަހަރުގެ ޕްލޭނަކަށް: ލަތީފް

14 މޭ 2025 - 12:08 1

އިރާންގެ ކޯޗު އަލީ ޕޯއާ އެކު ކުރިއަށް ނުދެވުނު ކަމުގައި ވިޔަސް، ވޮލީބޯޅަ ޒުވާން ޓީމުގެ އިތުރުން ޔޫތު ޑިވެލޮޕްމެންޓް ކުރިއެރުވުމަށް 10 އަހަރުގެ ޑިވެލޮޕްމަންޓް ޕްލޭނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ވީއޭއެމް އިން މި ފަހުން ރާއްޖޭގެ ޒުވާން ވޮލީ ޓީމަށް ގެނައި އީރާނުގެ ތަޖުރިބާކާރު ކޯޗު އަލީ ޕޯ ވަނީ ރާއްޖޭގައި ވޮލީގެ ވަސީލަތްތައް މަދުވުމުގެ ކަންބޮޑުވުމާއެކު ފުރައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް އެކަމާ ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ އަލީ ޕޯ ރާއްޖޭގައި ވަސީލަތްތައް މަދުވެގެން ދިޔަ ނަމަވެސް، އަތް އުރާލައިގެން ވީއޭއެމް އިން ނުތިބޭނެ ކަމަށެވެ.

އެ ގޮތުން، ޒުވާން ވޮލީބޯޅަ ޓީމަށް ބޭރުގެ ކޯޗެއް ގެނައުމުގެ މަސައްކަތް ވެސް ވީއޭއެމް އިން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ލަތީފް ވިދާޅުވި އެވެ.

"އޭނަ (އަލީ ޕޯ) ދިޔަ ނަމަވެސް އަހަރެމެން އަތް އުރާލައިގެން ނުތިބޭނަން. ބޭރު ކޯޗެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެމެންނާ ޖޮއިން ކުރާނެ. އަލީ ޕޯ އެ ދިޔައީ، ސްކޮޑް ސެލެކްޓްކޮށް ހަދައި އެއް މަސްދުވަހުގެ ކޭމްޕެއް ހިންގާފައި." ލަތީފް ވިދާޅުވި އެވެ.

ވޮލީބޯލް ޑިވެލޮޕްމަންޓްގެ މަސައްކަތް ވީއޭއެމް އިން ކުރުމަށް ބޭނުންވާ ދިރާސާ ހެދުމަށް ތައިލެންޑްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ޖަޕާނުގެ ތަޖުރިބާކާރަކު އަންނަ މަހުގައި އަންނާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެން މި މަސައްކަތް ފަށަނީ ވޮލީ ޑިވެލޮޕްމަންޓް ޕްލޭނެއް، ޔޫތް ޑިވެލޮޕްމަންޓް ޕްލޭނެއް 10 އަހަރުގެ ހެދުމަށް. އެ ހަދަންވެގެން ތައިލެންޑުގައި ގާތް ގަނޑަކަށް 15 އަހަރު މަސައްކަތް ކޮށްފައިވާ ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއް މި ގެންނަނީ، އަހަރެމެންގެ ކޯޗުންނާ ގުޅިގެން އެ މަސައްކަތް ކުރަން." ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ޖަޕާން ކޯޗު އައުމަށް ފަހު އެންމެ ފުރަތަމަ ރާއްޖޭގެ މާހައުލުގެ ދިރާސާއެއް ކުރާނެ ކަމަށެވެ. އަދި މަސް ދުވަހު ރާއްޖޭގައި އެ މަސައްކަތުގައި އުޅޭނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވީ، މި ފަހަރު ހަދަން މަސައްކަތް ކުރާ ޑިވެލޮޕްމަންޓް ޕްލޭން އަކީ "ނޭޝަން ވައިޑް" ޑިވެލޮޕްމަންޓް ޕްރޮގްރާމަކަށް ވާނެ ކަމަށެވެ.