Advertisement

ލަނޑާ ނަގަން ފައިބާ އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ

13 މޭ 2025 - 22:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހާދިސާގައި އަނިޔާވި ބިދޭސީ މީހާ: އޭނާގެ އެއް އަތް ވަނީ ބުރިވެފަ --- ފޮޓޯ: ކިޔުންތެރިއެއް


ލަނޑާ ނަގަން ފައިބާ އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ

13 މޭ 2025 - 22:07 0

ނ. އަތޮޅުގައި ލަނޑާ ނަގަން ފައިބާ އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗެއް ޖެހި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ނ. ދިގުރަށުގައި ހިންގާ ސިޔާމް ވޯލްޑު ކައިރީގައި ރޭ 10:00 ހާއިރު އެވެ. އަނިޔާވީ ރ. މަޑުއްވަރީ ދޯންޏެއްގައި ލަނޑާ ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

އެ މީހާ މަސައްކަތްކުރާ ދޯނީގެ ކައްޕި އަދަދު އާ ވާހަކަދައްކަމުން ބުނީ ހާދިސާ ހިނގީ ސިޔާމް ވޯލްޑުގެ ނެރު މަތިން ކަމަށެވެ. އެ ތަނުގައި ފީނަން ފައިބާ މީހުން ތިބުމުން އަލި ބޭނުންކޮށްގެން ލޯންޗަށް އިޝާރާތް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ލޯންޗު މަޑެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"ލޯންޗާ ދިމާލަށް އަހަރުމެން ޑިންގީގެ ނެވިގޭޝަން ދިއްލައިގެން ނެރު މެދަށް ޖެހުނީ. އޭތި ވަންނަން އަންނާތީ މީހަކު މޫދުގަ އޮތީމަ. ބައްތިތައް ވެސް ލޯންޗަށް އަލިކުރީ. މޫދުގަ އޮތް މީހާ ވެސް ލޯންޗަށް ބައްތި އަލިކޮށްގެން އޮއްވާ ޑިންގީ ނައްޓުވާލާފަ ގޮސް އޭނަ ގައިމަތިން ދިޔަ ގޮތަށް ދިޔައީ،" އޭނާ ބުންޏެވެ.

މި ހާދިސާގައި އަނިޔާވި މީހާގެ އެއް އަތް ބުރިވެފައިވާއިރު، އޭގެ އިތުރުން ވެސް ހަށިގަނޑުގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނެސް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ދޯނީގެ ކައްޕި ބުނި ގޮތުގައި ދޯނީގެ މީހުން މަނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަޔާން ނެގި ނަމަވެސް މަޑުނުކޮށް ދިޔަ ލޯންޗުގެ ބަޔަކު ނުގެނެ އެވެ.

"އަހަރުމެން މިއަދު އެއްކޮށް އެތާ ބޭތިއްބީ. އެކަމު އޭގެން މީހަކު ނުގެނޭ. ލޯންޗެއް ވެސް ނުހިފަހައްޓާ. ކައްޕިއެއް ވެސް ނުގެނޭ. ކައްޕިއާ ސުވާލުކުރާކަށް މަނަދޫއަކަށް ވެސް ނުގެނޭ. އަހަރުމެންގެ ބަޔާން ނެގީ،" ދޯނީގެ ކައްޕި ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ނުދެ އެވެ.. ފީނަން މޫދަށް ފައިބާ އުޅޭ މީހުންގެ ގައިގައި ލޯންޗު އަދި ދޯނިން ޖެހި މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތަކެއް ހިންގާފައި އެބަހުއްޓެވެ. މިހެން ހިނގި ހާދިސާއެއްގައި މީހެއްގެ ފުރާނަ ވެސް ގެއްލުނެވެ.