Advertisement

އިރާން ކޯޗު ދިޔައީ ރާއްޖޭގެ ވަސީލަތް މަދުވުމުގެ ކަންބޮޑުވުމާ ހެދި

13 މޭ 2025 - 21:57 0

އަތޫފް އާތިފް

އަތޫފް އާތިފް


އިރާން ކޯޗު ދިޔައީ ރާއްޖޭގެ ވަސީލަތް މަދުވުމުގެ ކަންބޮޑުވުމާ ހެދި

13 މޭ 2025 - 21:57 0

ޒުވާން ގައުމީ ޓީމުގެ ޑިވެލޮޕްމަންޓް މަސައްކަތް ހަވާލުކުރި އިރާންގެ ތަޖުރިބާކާރު ކޯޗު، އަލީ ޕޯ އަރޫޖީ ފޮނުވާލަން ޖެހުނީ، ވަސީލަތްތައް ނެތުމުން ފަރިތަކުރުންތައް ގެންދިޔުމަށް ދަތިވުމުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގައި މީގެ ކުރިން ގިނަ އަހަރުތަކެއް މަސައްކަތް ކުރި، އިރާން ކޯޗު އަލީ ޕޯ އަށް ރާއްޖޭގެ ޒުވާން ޓީމު ހަވާލުކުރީ "ރޯޑް ޓު އައިއޯއައިޖީ" ޕްރޮޖެކްޓަށް ވާސިލްވުމުގެ ޓާގެޓާއެކުގަ އެވެ.

އެކަމަކު، މަަހެއްހާ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްފަހު އިރާން ކޯޗު މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.

މިކަމާ ގުޅިގެން "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ، އިރާން ކޯޗު ރާއްޖެ އައީ ޒުވާން ޓީމުގެ ޑިވެލޮޕްމަންޓް މަސައްކަތުގައި ކަމަށެވެ. އެކަމަކު، އެ މަސައްކަތް ކުރުމަށް ވޮލީ އަށް ހާއްސަ އިންޑޯ ކޯޓެއް ނެތުމުން އެކަމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި، ޒަމާނީ ވޮލީ ބޯޅަ ޓްރެއިނިން ހެދުމަށް ބޭނުންވާ ޑްރިލްތައް އިންޑޯ ހޯލެއްގައި ނޫން ގޮތަށް ހެދެން ނެތް ކަމަށާއި އެއީ އަލީ ޕޯ ވެސް ފާހަގަކުރި އެއް ކަންތައް ކަމަށް ލަތީފް ވިދާޅުވި އެވެ.

"މޮޑާން ވޮލީބޯޅަ ދަސްކުރަން ބޭނުންވިއްޔާ ބައިވަރު ޑްރިލްތައް އެބަ ހަދަން ޖެހޭ. އެ ޑްރިލްތައް ނުހެދޭނެއޭ އިންޑޯ ހޯލެއްގައި ނޫނީއާ. ދެން، ތިމަންނަ ބޭނުންވެއޭ ދުވާލަކު ހަތަރު ގަޑިއިރު ޓްރެއިނިން ހަދަން. އެ މާހައުލެއް ރާއްޖެއަކު ނެތޭ. މިހާރު ތިމަންނަ ކަހަލަ ކޯޗެއް މިތާގަ ހުރެގެން ވީއޭއެމްގެ ފައިސާ ބޭކާރު ކުރަން ނުފެނެއޭ އޭނަ ބުނީ،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، އަލީ ޕޯ ދިޔަ ނަމަވެސް، ޒުވާން ޓީމުގެ ފަރިތަކުރުންތަކާ ބޭރުގެ ކޯޗެއް ވަރަށް އަވަހަށް ގުޅޭނެ ކަމަށެވެ.

"އަހަރެމެން އެބަ މަސައްކަތް ކުރަން މި އޮތް މާހައުލުގައި ވެސް ބޭރު ކޯޗެއް ވަރަށް އަވަހަށް ގެނައުމަށް ހަމަ އަހަރެމެންގެ ޒުވާން ޓީމުގެ ޓްރެއިނިންގްތައް ކުރިއަށް ގެންދިޔުމަށް" ލަތީފް ވިދާޅުވި އެވެ.

އަލީ ޕޯ ސީނިއާ އަންހެން ޓީމަށް ގެންނަން ވިސްނި

ކުރިން ވޮލީބޯޅަ ކުޅެފައިވާ އަލީ ޕޯ، ކޯޗިން ކެރިއަރު ރަސްމީކޮށް ފަށާފައިވަނީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އިރާންގެ އެކި ލެވަލްގެ ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށް ފަހު، ބައިނަލްއަގުވާމީ ލެވަލަށް ނުކުމެ، މިހާތަނަށް ހަވާލުވި އެކި ޓީމުތަކުގައި ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ، ބަންގްލަދޭޝްގެ ގައުމީ ޓީމުގައި ގިނަ އަހަރުތަކެއް މަސައްކަތްކުރި އަލީ އަކީ އެފްއައިވީބީގެ ކޯޗިންގެ މަތީ ފާހެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.

އަލީ ޕޯ، ޒުވާން ޓީމުގެ ކޯޗެެއްގެ މަސައްކަތުގައި އިއުލާނުކުރިއިރު، ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމު ގިނަ ފަހަރުތަކެއް މަތިން އަދާކޮށްފައިވާ ވީއޭއެމްގެ ސީނިއާ ނައިބު ރައީސް، މުހައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވީ، އަލީ ޕޯގެ ބެލުމުގެ ދަށުން މި ބިނާ ކުރެވެނީ ރާއްޖޭގެ ވޮލީބޯޅައިގެ މުސްތަގުބަލު ކަމަށެވެ. އަދި، އެކަަމަށްޓަކައި ޓާގެޓް ކުރެވިގެން ކުރެވޭ މި މަސައްކަތުގައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސީނިއާ ގައުމީ ފިރިހެން ޓީމުގެ ކޯޗުކަން އަލީ ޕޯ އަށް ދޭން ވޮލީބޯލް އެސޯސިއޭޝަނުން ވާހަކަ ދެއްކި ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ލަތީފް ވިދާޅުވި އެވެ.

އެކަމަކު، އަލީ ޕޯއާ އެކު ޒުވާން ގައުމީ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، ސީނިއާ އަންހެން ޓީމުގެ މަސައްކަތް ވެސް އަލީ ޕޯއާ ހަވާލުކުރަން ވިސްނި ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ގައުމީ ސީނިއާ އަންހެން ޓީމުގެ ކޯޗެއްގެ މަގާމުގައި މިހާރު ހުރީ އަހުމަދު ސޮފްވާން (ސޮއްޕެ) އެވެ. އޭނާ އަށް މަގާމު ހަވާލުކުރީ އައިއޯއައިޖީ އަށް ޓާގެޓް ކޮށްފަ އެވެ.

ލަތީފް ވިދާޅުވީ، އަލީ ޕޯ ފިރިހެން ވޮލީ ޓީމަށް ލުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި އެސޯސިއޭޝަންގެ ނެތް ކަމަށާއި، އެކަމަކު އަލީ ޕޯ ރާއްޖޭގައި މަޑުކުރިނަމަ ގައުމީ ސީނިއާ އަންހެން ޓީމުން ފަރިތަކުރުންތައް ފަށާއިރު، ޓީމަށް އަލީ ޕޯ ލުމުގެ ވިސްނުން ހުރި ކަމަށެވެ.

"އޭނަ ރާއްޖޭގައި މަޑުކުރިނަމަ، ސީނިއާ އަންހެން ޓީމަށް އޭނަ ލާނަން އަހަރެމެން ޓްރެއިނިންގް ފަށާއިރު." ލަތީފް ވިދާޅުވި އެވެ.

އެކަމަކު، އަލީ ޕޯ ދިއުމާ އެކު، ޓީމުތަކުުގެ ޓްރެއިނިން ކުރިއަށްގެންދަން ވޮލީބޯލް އެސޯސިއޭޝަންގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދާން މަސައްކަތް ކުރާ ކަމަށް ލަތީފް ވިދާޅުވި އެވެ.