Advertisement

ޝަމްއާންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

13 މޭ 2025 - 17:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު : އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވީ އިއްޔެ --- ފޮޓޯ: އިމިގްރޭޝަން


ޝަމްއާންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

13 މޭ 2025 - 17:00 0

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު އަދި އޭނާ އާއެކު ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދަދު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. އަދި، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި ކުރާނެ ދައުވާއެއް ކަނޑައަޅައި، އެކަން 15 ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

ޝައްމާނުގެ އިތުރުން މި މައްސަލާގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ. ހެޕީ ސައިޑު ހަސަން ސެހެޝާން އަދި ހަމަ އެގޭ އިބްރާހިމް އަހުމަދު، އަދި މ. ހަޒާރީވިލާ އަހުމަދު ލައްސާން، 40، އެވެ.

މި މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިއުމެވެ. މިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޝައްމާން މިހާރު ހުރީ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓޫ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ނާކާމިޔާބުވީ އެވެ.

ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.

އަދި، ޝައްމާން ހައްޔަރުކުރުމުގެ މަސައްކަތް ފެށީ ހޯމް މިނިސްޓަރު، އަލީ އިހުސާންގެ ވީޑިއޯއެއް ޝަމްއާންގެ އަތުގައި އޮތް ކަމުގެ މައުލޫމާތު އިހުސާންއަށް ލިބުމުން ކަމަށް ވެސް އާއިލާއިން މީގެ ކުރިން ބުނެފައިވެ އެވެ. ޝައްމާން ދޫކޮށްލުމަށް އެދި މާލޭ މަގުމަތީ މުޒަހަރާއެއް ވެސް ކޮށްފައިވެ އެވެ.