12 މޭ 2025 - 20:03 0
12 މޭ 2025 - 20:03 0
ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 12) - ސްޕެނިޝް ލީގު ނިމުމާ އެކު، ރެއާލް މެޑްރިޑްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީ، ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން، (ސީބީއެފް) އިން އިއުލާނުކޮށްފައިވާ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހު، އަންޗެލޮޓީ، 65، ބްރެޒިލް ޓީމާ ހަވާލުވާނެ އެވެ. އެއީ، ސްޕެނިޝް ލީގު ނިމުމާ އެކުގަ އެވެ. ރެއާލަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން އަންޗެލޮޓީ ވަނީ އެ ކްލަބާ އެކު، ޖުމްލަ 15 ތަށި ހޯދައިފަ އެވެ.
ރެއާލާ އެކު، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް އަންޗެލޮޓީ އެއް އަހަރު ކުރިން އެ ކްލަބް ދޫކޮށްލަން ނިންމީ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު، ދެ ފަރާތް އެއްބަސްވެގެންނެވެ.
އަންޗެލޮޓީ، މީގެ އަހަރެއް ކުރިން، ބްރެެޒިލްގެ އޮފާ ދޫކޮށް، ރެއާލާ އެކު ކުރިއަށްދާން ނިންމި އެވެ. އެކަމަކު، ބްރެޒިލްގެ އޮފާ ތަކުރާރުކޮށް ދެމުން އައުމާ އެކު، އަންޗެލޮޓީ އެންމެ ފަހުން ބްރެޒިލާ ގުޅެން ނިންމީ އެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ދުނިޔޭގެ ޗެމްޕިއަންކަން ފަަސް ފަހަރު ހޯދާފައިވާ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވަނީ ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް ކަމަށެވެ. އަދި، އަންޗެލޮޓީއާ އެކު، ބްރެޒިލް ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށް ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.
އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ. އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި، އިޓަލީގެ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އާއި އެވަޓަން، ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިިކަށް ކޯޗުކޮށްދީފަ އެވެ. ކެރިއަރުގައި ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ، 2021 ވަނަ އަހަރު އެވެ. އެއީ އެވަޓަން ދޫކޮށްލުމަށް ފަހު އެވެ.
ބްރެޒިލުން އެންމެ ފަހުން، ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. ބްރެޒިލްގެ ކޯޗުކަން ހުސްވީ، މާޗް މަހު އާޖެންޓީނާ އަތުން ބަލިވުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޑޮރިވާލް ޖޫނިއާ ވަކިކުރުމުންނެވެ.
Comment