Advertisement

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ސިއްރު ކުރުމުން އިދިކޮޅު އެމްޑީޕީއިން ކޮމިޓީ ބޮއިކޮޓްކޮށްފި

އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ސިއްރު ކުރުމުން އިދިކޮޅު އެމްޑީޕީއިން ކޮމިޓީ ބޮއިކޮޓްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި ފޮނުވާފައި އޮތް ރިޕޯޓު ދިރާސާ ކުރުމުގެ ކޮމިޓީ މަގުބޫލު އުޒުރެއް ނުދައްކައި ސިއްރު ކޮށްފި އެވެ.

އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ފިޔަވައި ހުރިހާ ޕީއެންސީ މެންބަރުންގެ ވޯޓާ އެކު އެވެ. ވަކި ކޮޅަކަށް ޝާމިން ވޯޓު ދެއްވާފައި ނުވެ އެވެ.

އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅު ހެއްދެވީ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން، އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ދެ މެންބަރުން ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.

ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ޝާހިދު ހުށަހެޅުއްވީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ވަރަށް ޒާތީ މައުލޫމާތުތައް ހިމެނޭ ކަމަށް ވިދާޅުވެ އެވެ.

"އަޅުގަނޑު ހަމަ ފުރަތަމަ ވެސް ހުށަހަޅަން މި ކޮމިޓީ ސިއްރު ކުރަން އެއީ، ސަބަބަކީ މީގައި ޒާތީ މައްސަލަތައް ހިމެނޭތީވެ، ބައެއް ބޭބޭފުޅުންގެ ޒާތީ މަސްލަހަތު މީގައި ހިމެނޭތީވެ އެކަންކަން މީޑިއާގައި ހާމަ ކުރުމަށްވުރެ އަޅުގަނޑު، އަޅުގަނޑު ހަމަ ހުށަހަޅަން ސިއްރު ވެސް ކުރަން،" ޝާހިދު ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ވޯޓަށް އަހަން މުގައްރިރު ހުސްނީ މުބާރަކު ނިންމެވުމާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރަން ފެށި އެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ކޮމިޓީ ހޫނުވެގެން ވެސް ދިޔަ އެވެ.

ޝާހިދު ހުށަހެޅުއްވި ހުށަހެޅުމަށް ކޮމިޓީގައި ވޯޓު ނެގީ ވެސް އިދިކޮޅު މެންބަރުން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ކޮމިޓީ ސިއްރު ކުރަން ނިންމައިފި ނަމަ ކޮމިޓީގައި އިތުރަށް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

ކޮމިޓީ ސިއްރު ކުރުމުގެ ކުރިން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖޭއެސްސީން ތައްޔާރު ކޮށްފައި އޮތް ރިޕޯޓުގައި ހުރި ބައެއް ހަމަނުޖެހޭ ކަންކަން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރިއިރު، އޭނާ ހުރީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް ފުލުހުންގެ ތަހުގީގުން އެކަން ސާބިތު ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ކޮމިޓީގެ މުގައްރިރު، ހުސްނީ މުބާރަކު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ފުނަށް ކޮމިޓީން ދިޔުމަށް މަޖިލިސް ގަވާއިދު ތަންދޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ހުސްނީ މުބާރަކުގެ ވާހަކައަށް ތާއީދު ކުރައްވައި ޝާހިދު ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓު ތައްޔާރު ކޮށްފައި އޮތީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ރިޕޯޓުން އެއްވެސް އިޖުރާއީ މައްސަލައެއް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އެ ބޭފުޅުންގެ މައްސަލައެއް އޮތް ކަމަށް އަޅުގަނޑުމެން ކޮމިޓީން ނިންމަނީއެއް ނޫން، އަޅުގަނޑުމެން ކޮމިޓީގެ މަސައްކަތަކަށްވެފައި މިއޮތީ ޖޭއެސްސީން ނިންމި ނިންމުން ނިންމާފައި އޮތީ ރަނގަޅަށްތޯ، އެގޮތަށް ބަލާއިރު، މިއޮތީ ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް ރިޕޯޓު ފޮނުވާފައި، މީގައި ނެތް އެއްވެސް މައްސަލައެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ފަހުން ވާހަކަދެއްކެވި ޕީއެންސީގެ މެންބަރުން ވެސް ޝާހިދުގެ ވާހަކައަށް ތާއީދު ކުރެއްވި އެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ފަނޑިޔާރުންގެ މައްސަލަ އަލުން ޖުޑީޝަރީ ކޮމިޓީން ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.