Advertisement

ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލަން އިންޑިއާ އަދި ޕާކިސްތާނުން އެއްބަސްވެއްޖެ

10 މޭ 2025 - 18:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާއިން ބަލަހައްޓާ ކަޝްމީރުގެ ސްރިނަގަރުގައި އެ ގައުމުގެ ސިފައިންގެ މީހަކު ފޯރިމަރަނީ : ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލަން އިންޑިއާ އަދި ޕާކިސްތާނުން މިހާރު ވަނީ އެއްބަސްވެފަ ---- ފޮޓޯ: އޭއެފްޕީ


ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލަން އިންޑިއާ އަދި ޕާކިސްތާނުން އެއްބަސްވެއްޖެ

10 މޭ 2025 - 18:23 0

މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ޕާކިސްތާނާއި އިންޑިއާއިން ބަދަލުކުރަން ފެށި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން އެއްބަސްވެފައިވާކަން އެ ދެ ގައުމުން ހާމަކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އަދި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިޝަގް ދާރު ވަނީ ދެ ގައުމުން ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިއުލާނުކުރައްވާފަ އެވެ.

ޖައިޝަންކަރުގެ ޕޯސްޓުގައި ވިދާޅުވީ، ޓެރަރިޒަމާއި ދެކޮޅަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި މިހާތަނަށް މަސައްކަތް ކުރަމުން ދިޔައީވެސް އެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އިޝަގް އެކްސްގައި ލިޔުއްވާފައިވަނީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުމެއް ނުވާހާ ހިނދަކު ޕާކިސްތާނުން އަަބަދު ވެސް މަސައްކަތް ކުރާނީ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކަމަށެވެ.

މި އެއްބަސްވުމަކީ އެމެރިކާ މެދުވެރިވެގެން ދެކެވުނު ވާހަކަތަކެއްގެ ނަތީޖާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. ހަމަލާތައް ހުއްޓާލުމާ ގުޅިގެން ޓްރަމްޕު ވަނީ ދެ ގައުމަށް މަރުހަބާ ދަންނަވާފަ އެވެ.

އެއްބަސްވުމާއެކު ޕާކިސްތާނުން މިހާރު ވަނީ ބަންދުކޮށްފައި އޮތް ވައިގެ ސަރަހައްދު ހުޅުވާލާފަ އެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް އޭޕްރީލް 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހަމަލާގައި 23 މީހުން މަރުވި އެވެ.

އެ ހަމަލާއަށް ފަހު ދެ ގައުމުގެ ސިފައިން ބޯޑަރު ސަރަހައްދުގައި ކުދިކުދި ހަމަލާތަކަށް ފަހު، އިންޑިއާއިން ޕާކިސްތާނުގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މެއި 6، ގެ ރޭގެ ވަގުތެއްގަ އެވެ. ބަދަލުގައި ޕާކިސްތާނުން ވެސް ހަމަލާތައް ދިނެވެ.

މި ހަމަލާތަކުގައި ދެ ގައުމުން މީހުން މަރުވި ނަމަވެސް ކަށަވަރު އަދަދެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ދެ ގައުމުގެ އަސްކަރީ އުޅަނދުތަކަށް ވެސް ހަމަލާތަކުގައި ގެއްލުންވި އެވެ.

އިންޑިއާ އަދި ޕާކިސްތާނަކީވެސް ނިއުކްލިއާ ގާބިލުކަން ހުރި ދެ ގައުމެވެ. ދެ ގައުމުގެ ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ މުޖުތަމައުން އެއްބާރުލުން އަޅަމުންދިޔަ މައިގަނޑު ސަބަބަކީ މިއީ އެވެ. އެމެރިކާގެ އިތުރުން ޗައިނާ އިންވެސް ވަނީ ދެ ގައުމުން މަޝްވަރާ ކުރުމަށް ގޮވާލާފަ އެވެ.