Advertisement

ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ފުލުހުންނަށް ސާފުކޮށް ނުދެވުނަސް ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި

10 މޭ 2025 - 16:35 0

ތަހުގީގު ބޭނުމަށް ރައުދު މާލެއަށް ގެނައުމަށްފަހު އަނބުރާ ދޫނިދޫއަށް ގެންދަން ދޯންޏަށް އަރުވަނީ -- ފޮޓޯ: ސޯޝަލްމީޑިއާ


ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ފުލުހުންނަށް ސާފުކޮށް ނުދެވުނަސް ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި

10 މޭ 2025 - 16:35 0

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސްފަހުން މިދިޔަ މަހުގެ 24، ގަ އެވެ. ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު އޭނާގެ ބަންދަށް 10 ދުވަސް އިތުރު ކުރި އެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް ޔަގީންކޮށްދިން ގޮތުގައި ރައުދު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކޯޓުގައި ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުހުން އެންމެ ފުރަތަމަ އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށެވެ.

އެ މާއްދާގެ ދަށުން އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ދިފާއީ ވަކީލުންގެ ފަރާތުން ވަކާލާތު ކުރުމުން ދެން ފުލުހުން އެދުނީ އެ މާއްދާގެ ޅ. ގެ ދަށުން ބަންދުކޮށްދިނުމަށެވެ. ދިފާއުން ވަކާލާތު ކުރީ އެ މާއްދާގެ ދަށުން ވެސް އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.

އެއަށްފަހު ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ފަހު ގާޒީ އަމިއްލައަށް ނިންމެވީ ރައުދު ދޫކޮށްލާފައި ހުރުމަކީ މުޖުތަމައުގެ ކަންކަން ހުރި ގޮތުން އެންމެ ރަނގަޅު ކަމަށް ނުވެދާނެތީ އޭނާގެ ބަންދު ފަސް ދުވަހަށް އިތުރު ކުރުމަށެވެ. ބަންދުގެ މުއްދަތު އިތުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ވަކި މާއްދައަކާ ހަވާލާ ނުދީ އެވެ.

އަދަދު އަށް އެނގިފައި ވާގޮތުގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.