Advertisement

މޯލްޑިވްސް 2.0 އަކީ އީ-ވޯޓިން ތައާރަފުކޮށް އިންތިހާބު އޮޅުވާލަން ފެށި މަސައްކަތެއް: މަހުލޫފް

އަހުމަދު މަހްލޫފް: މޯލްޑިވްސް 2.0 އަކީ އީ-ވޯޓިން ތައާރަފުކޮށް އިންތިހާބު އޮޅުވާލަން ފެށި މަސައްކަތެއް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


މޯލްޑިވްސް 2.0 އަކީ އީ-ވޯޓިން ތައާރަފުކޮށް އިންތިހާބު އޮޅުވާލަން ފެށި މަސައްކަތެއް: މަހުލޫފް

ދައުލަތުގެ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް 2.0 އިފްތިތާހުކުރީ އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން ރިޔާސީ އިންތިހާބާ ދިމާކޮށް އަމާޒު ހިފާނެ އީ-ވޯޓިން ރާއްޖެއަށް ތައާރަފުކުރުމާ އޭނާ ދެކޮޅު ކަމަށެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި މިރޭ މޯލްޑިވްސް 2.0 ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް. ހަމަގައިމުވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަން،" އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ދެ ގަޑިއިރު ތެރޭގައި ސާފުވެ، ޔަގީންކަމާ އެކު ބޭނުން މީހަކަށް ވޯޓު ދިނުމާ އެކު ވޯޓު އޮޅުވާ ނުލެވޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ.

އީ-ވޯޓިން ނިޒާމަށް ގައުމުތަކުން ވެސް ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާއެކު އެ ނިޒާމު ބަދަލު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯމަރާފައި ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވޯޓާ ކުޅެން ފުރުސަތުދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ހަައްގު ނިގުޅައިގަންނަން ފުރުސަތު ދޭކަށް ނެތިން. ރައްޔިތުންގެ ހިޔާލު އަދި ރައްޔިތުންގެ އިތުބާރު ނުހޯދާ މިމަސައްކަތް ކުރިއަށް ގެންދަންވާނެކަމަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތައް ބައިވެރިވެގެން ހިންގާ ގޮތަށް، މޯލްޑިވްސް 2.0 ތަސައްވުރަށް ވާސިލުކުރުވަން ސަމިޓެއް ފެށީ މިރެ އެވެ.

އެ ސަމިޓު ކުރިއަށް އޮތް ދެ ދުވަހު ކުރިއަށް ގެންގޮސް ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމް ވެގެންދާނެ ގޮތާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ހުރިހާ އިދާރާތަކުން އެއްބަސްވާ ގޮތަށް ކަންކަން ނިންމާނެ އެވެ.