Advertisement

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވައިފި

8 މޭ 2025 - 14:05 6

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވައިފި

8 މޭ 2025 - 14:05 6

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަންފައިފަ އެވެ. ނަމަވެސް އެ ސިޓީއަށް ޖޭއެސްސީން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

މުއުތަސިމް ރިޓަޔާ ކުރައްވަން މި ނިންމެވީ، ދާދި އަވަހަށް ރިޓަޔާ ކުރައްވާނެކަމުގެ އިޝާރާތެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ދެއްވާފައި އޮއްވަ އެވެ.

"ހަމަ އެކަށީގެންވާ ކަމެއް މި ހައިސިއްޔަތުން މިފަދަ ޖަލްސާއަކުން ނުފެނުމަކީ ވެސް،" ފެބްރުއަރީ 1، ގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުއްލި ތަހުގީގެއް ޖޭއެސްސީ އިން ހިންގީ، ސިޔާީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ، ދިފާއުގައި ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ. އަދި މައްސަލަ ނިންމިއިރު، އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ލިބިފައެއްނުވެ އެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މި ވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ. ފަނޑިޔާރުންގެ މައްސަލަ ނިންމީ ބޭއިންސާފުން ކަމަށްވާތީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް މަހާޒް އާއި އަޒްމިރާލްދާ ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މަހާޒް އާއި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.