Advertisement

ސާޖިދާގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް ކޯޓުން ނިންމީ އުމެއިރުގެ މަސްލަހަތު ހިމެނޭތީ އަޑުއެހުން ލައިވް ނުކުރަން

8 މޭ 2025 - 13:15 1

ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ: ކޯޓުން ނިންމީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ ޝަރީއަތް ލައިވް ކުރެވެން ނެތް ކަމަށް -- ފޮޓޯ: އަދަދު ފައިލް


ސާޖިދާގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް ކޯޓުން ނިންމީ އުމެއިރުގެ މަސްލަހަތު ހިމެނޭތީ އަޑުއެހުން ލައިވް ނުކުރަން

8 މޭ 2025 - 13:15 1

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ ވާހަކައެއް ދެއްކި ކަމަށް ބުނެ ފަސްޓް ލޭޑީ ސާޖިދާ ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ސިއްރު ކުރަން ސިވިލް ކޯޓުން ނިންމައިފި އެވެ.

އެ މައްސަލައިގައި ސާޖިދާގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އަޑުއެހުންތައް ވީޑިއޯ މެދުވެރިކޮށް ވަގުތުން ދެއްކުމަށެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް މިއަދު ނިންމެވީ ކުޑަކުއްޖެއްގެ މަސްލަހަތު އެ މައްސަލައިގައި ހިމެނޭތީ އަޑުއެހުން ސިއްރު ކުރުމަށެވެ.

"މި ދެ ގަޒިއްޔާއަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހެޅިފައިވާ މައްސަލަތަކެއް ކަމުގައިވާތީ މި މައްސަލައިގެ އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރުމަށާއި ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އަސާސް ނެގެހެއްޓުމުގެ ގޮތުން މި މައްސަލަތަކުގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތައް އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދިޔުމަށް ނިންމައިފިން،" ގާޒީ ވިދާޅުވި އެވެ.

އުމެއިރުގެ ވާހަކަ ދެއްކި ކަމަށް ބުނެ ސާޖިދާ ދައުވާ ކުރައްވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ ޒުބައިރު) ގެ މައްޗަށެވެ. އެ ތިން އަޑުއެހުން ވެސް އެކީގައި ކުރިއަށްގެންދަން ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ސާޖިދާގެ ފަރާތުން ވަކީލު އައިޝަތު އާޒިމާ ޝަކޫރު އެންމެ އިސް ކަމެއްގެ ގޮތުގައި އެދިވަޑައިގަތީ މައްސަލަ ލައިވްކޮށް ދުރަށް ދެއްކުމަށެވެ. އެކަމަކު، އަޑުއެހުން ލައިވް ނުކުރާ ނަމަ އަޑުއެހުންތައް ސިއްރު ކުރަން ވެސް ސާޖިދާގެ ފަރާތުން އެދިވަޑައިގަތެވެ.

އެމްޑީޕީއިން ކުރި މުޒާހަރާއެއްގެ ތެރެއިން އުމެއިރުގެ ވާހަކަ ދެއްކި ކަމުގެ ތުހުމަތު އެންމެ ފުރަތަމަ އަމާޒުވީ މަންދީއަށެވެ. އެކަމަކު، ރައީސްގެ އެއްވެސް ދަރިކަލެއްގެ ނަން މަންދީ ބުނެފައެއް ނުވެ އެވެ. މަންދީގެ ވާހަކަތައް ނިސްބަތްކޮށްފައި ވަނީ އުމެއިރުއަށް ކަމަށް ހާމަ ކުރެއްވީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސާޖިދާގެ ފަރާތުން އެ ދައުވާތައް ކުރަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީއިން ބުނެ އެވެ. އުމެއިރުގެ ވާހަކަ ދެއްކި ކަމަށް ބުނެ މަންދީ އާއި އެމްޑީޕީގެ އެހެން މެންބަރަކު ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގެއް ވެސް ވަނީ ހިންގައިފަ އެވެ. އަދި އުމެއިރުގެ ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ދެ މެންބަރަކު ވެސް ވަނީ ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.