Advertisement

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި އަމިއްލަ ކުންފުނީގެ ނަން ހާމަ ކުރަން އެމަނިކުފާނު ދެކޮޅު ހައްދަވައިފި

8 މޭ 2025 - 10:33 3

ރައީސް މުއިއްޒު ދެއްވި ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން: ވިދާޅުވީ އެމަނިކުފާނަށް ހަރަދު ކުރި އަމިއްލަ ކުންފުނީގެ ނަން ހާމަ ކުރަން އެ ކުންފުނިން ބޭނުންނުވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި އަމިއްލަ ކުންފުނީގެ ނަން ހާމަ ކުރަން އެމަނިކުފާނު ދެކޮޅު ހައްދަވައިފި

8 މޭ 2025 - 10:33 3

ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި އަމިއްލަ ކުންފުނީގެ ނަން ހާމަ ކުރައްވަން އެމަނިކުފާނު ދެކޮޅު ހައްދަވައިފި އެވެ.

ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ އޭޕްރީލް 1، އިން އޭޕްރީލް 5، އަށެވެ. ސަރުކާރުގެ ބޮޑު ވަފުދަކާއެކު އެމަނިކުފާނު ކުރެއްވި އެ ދަތުރަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ އެންމެ 153،689ރ. ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެކަމަކު އެ ދަތުރަށް އަމިއްލަ ވިޔަފާރިއަކުން ހަރަދު ކުރި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ ކޮން ކުންފުންޏެއްތޯ އަދަދު އިން ސުވާލު ކުރުމުން އެމަނިކުފާނު ވަނީ އެ ކުންފުނީގެ ނަން ހާމަ ކުރަން ދެކޮޅު ހައްދަވައިފަ އެވެ.

"އެ ބޭފުޅުން ބޭނުންފުޅެއް ނޫން އެ މައުލޫމާތު ހިއްސާކުރާކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދަތުރަށް ހަރަދު ކުރި އަމިއްލަ ކުންފުނީގެ ތަފުސީލު ހާމަ ކުރަން ފައިނޭންސް މިނިސްޓްރީއިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. މައުލޫމާތު ހޯދުމާއި ލިބުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކުންފުނީގެ ނަން ހޯދަން މި ނޫހުން އެދުމުން ރައީސް އޮފީހުން ވެސް ވަނީ އެ މައުލޫމާތު ހާމަ ކުރަން ދެކޮޅު ހަދައިފަ އެވެ.

ރައީސްގެ ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދު ކުރިކަން ހާމަ ކުރެއްވީ އޭޕްރީލް 10، ގައި އެމަނިކުފާނު ގެނެސްދެއްވާ ޕޮޑްކާސްޓުގަ އެވެ. ނަމަވެސް އެއިރު ވެސް އެއީ ކޮން ކުންފުންޏެއްކަން ރައީސް ހާމައެއް ނުކުރައްވަ އެވެ.

"މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާ ބޮޑު ހަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގައި ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ. މިހާރު ތަފްސީލުތައް ވާނީ ރަސްމީކޮށް ރައީސް އޮފީހުން ހާމަކޮށްފައި. ދޮޅު ލައްކައެއްހާ ރުފިޔާ މި ދަތުރަށް ހަރަދުވީ. އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް. އެހެން ހުރިހާ އެންމެންނާއި، މުޅި ހަރަދު، ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމުލަކޮށް ކުރި ހުރިހާ ކަމެއް ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ތެރެއިން ހަމަޖެއްސީ. އެއީ ކުރިން ވެސް ރޭވި ގޮތް އެގޮތަށް އެކަން ކުރީ،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރިފާއު އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން ވެސް ބައެއް ސީނިއާ އޮފިޝަލުން ވަޑައިގެންނެވި އެވެ.

ރައީސްގެ ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދުކޮށްފައި މި ވަނީ ކޮން އުސޫލަކުން، ކޮން އެއްބަސްވުމެއްގެ ދަށުން ކަމެއް ނޭނގެ އެވެ. އަދި ހަރަދު ކުރި ކުންފުންޏާއި ސަރުކާރާ ދެމެދު އޮންނަ ގުޅުމެއް ވެސް ނޭނގެ އެވެ. އެ ބުނާ ކުންފުންޏަކުން ހަރަދު ކުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.