Advertisement

އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ތައްޔާރުވާން ޖެހޭ: ތޯރިގު

މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ތޯރިގު (ޓޮމް) -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ތައްޔާރުވާން ޖެހޭ: ތޯރިގު

އަވައްޓެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެއްޖެ ނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ތައްޔާރުވާންޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖެއަކީ ވަރަށް ނިކަމެތި އިގުތިސާދެއް އޮތް ގައުމެއް ކަމަށާއި ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރަނީ އިންޑިއާ އަދި ޕާކިސްތާނުން ކަމަށެވެ. އެހެންކަމުން އެ ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިއްޖެ ނަމަ އޭގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އެ ދެ ގައުމު [ޕާކިސްތާނާއި އިންޑިއާ] ދެމެދުގައި ބޮޑު ހަމަނުޖެހުމަކާ ހިސާބަށް، ފުލް ފްލެޖުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ މި ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ މައްސަލަތަކާއި އަދި ދިވެހިރާއްޖެއަށް ދިމާވެދާނެ ހުރިހާ ކަމަކާ ދޭތެރޭގައި ވެސް ސަރުކާރުން މިހާރު ފުންކޮށް ވިސްނައި ފިޔަވަޅު އަޅަންޖެހޭ ވަގުތު މިއޮތީ އައިސް ޖެހިފައި،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިވަގުތު ކުރަންޖެހޭ ކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ އެ ދެ ގައުމުން ކާބޯތަކެތި ބޭރުކުރުން ހުއްޓައިލުމުގެ ފުރުސަތު ބޮޑުވުމެވެ.

އެފަދަ ހާލަތެއްގައި އެހެން ގައުމަކުން ރާއްޖެއަށް މުދާ ގެނެވޭނެ ގޮތެއް ސަރުކާރާއި މަޖިލީހުން ވެސް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ކާބޯތަކެއްޗެއް ނޫން، އެ ގައުމުތަކުން އަޅުގަނޑުމެންގެ އިގުތިސާދަށް ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ފައިދާތައް ހުއްޓިދާނެ ކަމަށްޓަކައި ވަގުތީ ގޮތުން ދުވަސްކޮޅަކަށް ވެސް ހުއްޓިދާނެ ކަމަށްޓަކައި އެހެން އޮޕްޝަންތަކެއް އެއާލައިންގެ އެހެން އޮޕްޝަންތަކެއް، މީހުން ގެނެވޭނެ ގޮތަށް އަޅުގަނޑުމެން މިހާރުން މިހާރަށް ތައްޔާރުވެ ތިބުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ތޯރިގު ވިދާޅުވި އެވެ.

މި ވަގުތަކީ އުނދަގޫ ވަގުތެއްކަން ފާހަގަ ކުރައްވައި ތޯރިގު ވަނީ މި ދަނޑިވަޅުގައި ގައުމު ހަލަބޮލި ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ވަގުތު ގައުމު ހަލަބޮލި ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބިދާނެ ކަމަށެވެ.