Advertisement

ޓެކްސީ ލައިން ތައާރަފު ކުރަން ހަރަދުވާނެ ވަރެއް މިނިސްޓަރު އަމީންއަށް ބުނެ ނުދެވުނު

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ޖަލްސާއެއްގައި ބައިވެރިވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޓެކްސީ ލައިން ތައާރަފު ކުރަން ހަރަދުވާނެ ވަރެއް މިނިސްޓަރު އަމީންއަށް ބުނެ ނުދެވުނު

ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރަން ހަރަދުވާނެ ވަރެއް ދަންނަވަން ދަތި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޓެކްސީ ލައިންއާ ގުޅޭގޮތުން ސުވާލު ކުރުމަށް މިއަދު މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފު ކުރުމަށް ހަރަދު ކުރަނީ އެކަމަށް ބޭނުންވާ ކާރުތަކަށް އެކަނި ނޫން ކަމަށެވެ. އެހެންކަމުން މުޅި އެ އޮޕަރޭޝަން ފެށުމަށް ހަރަދުވާނެ ވަރު ދަންނަވަން ދަތި ކަމަށް އަމީން ވިދާޅުވި އެވެ.

"މުޅި ޕްރޮޖެކްޓު ހިމެނިގެން މިދަނީ ކާރަކަށް ނޫން، އެހެންވީމާ ސީދާ މި ވަގުތު އަދި އާރްއެފްޕީ ޕްރޮސެސް އާއި މި ޕްރޮޕޯޒަލް ހުށަހަޅައިގެން އެ ކަންތައް ކުރިއަށް ދާތީ ސީދާ އަދަދު މިވަގުތު ދަންނަވަން ދަތި،" އަމީން ވިދާޅުވި އެވެ.

ޓެކްސީ ލައިން އުފެއްދުމަށް ކުރަންޖެހޭ ކަންކަމުގެ ތަފުސީލު ދެއްވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުން ކުރަން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް ކަމަށްވެފައި އެއީ ދިވެހިރާއްޖެއަށް މުޅީން އާ ކަމަކަށް ވާތީ އިތުރު ބައިވަރު ކަންކަން ވެސް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފު ކުރާއިރު، ޓެކްސީތަކުގެ ގޮތުގައި ބޭނުންކުރާ އިލެކްޓްރިކް ކާރުތައް ޗާޖު ކުރާނެ ސްޓޭޝަންތަކާއި އެ ކާރުތަކުގެ މެއިންޓެނެންސް ހަމަޖެއްސުމުގެ އިތުރުން އެ ކާރުތައް ޕާކު ކުރާނެ އިންތިޒާމުތައް ވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ޕާކު ކުރަން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ސަރުކާރުގެ ޓެކްސީ ލައިން ތައާރަފު ކުރުމަށް ހަރަދުވާނެ ވަރު ދަންނަވަން ދަތި ކަަމަށް އަމީން ވިދާޅުވި ނަމަވެސް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މީގެ ކުރިން ބުނެފައި ވަނީ ޓެކްސީ ލައިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 ކާރު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކާރުތައް ގެނައުމަށް 80 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.