Advertisement

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރަނީ ދިރާސާކޮށްގެން ނޫން ކަމަށް އަމީން ވިދާޅުވެއްޖެ

މިނިސްޓަރު މުހައްމަދު އަމީން: ސަރުކާރުން ޓެކްސީ ލައިނެއް ހަދަނީ ދިރާސާކޮށްގެނެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރަނީ ދިރާސާކޮށްގެން ނޫން ކަމަށް އަމީން ވިދާޅުވެއްޖެ

ސަރުކާރުން ޓެކްސީ ލައިންފަދަ ޓްރާންސްޕޯޓުގެ ހިދުމަތްތައް ފަށަނީ އެއްވެސް ދިރާސާއެއް ކޮށްގެން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މިދިޔަ ސަރުކާރުތަކުން ވެސް އާރްޓީއެލްފަދަ ޓްރާންސްޕޯޓުގެ މަޝްރޫއުތައް ފެށީ ދިރާސާއަކާ ނުލައި ކަމަށެވެ.

"ގްރޭޓާ މާލެ ސަރަހައްދުގައި ޓެކްސީއެއް ނޫން، ޓްރާންސްޕޯޓުގެ މީގެކުރިން ވެސް ފެށިފައި އެބަހުރި. އަދި މުޅި ރާއްޖޭގައި ވެސް. އޭގެ ތެރޭގައި އާރްޓީއެލް ފެރީއަކީ ވެސް ޓްރާންސްޕޯޓް ނެޓްވޯކްގައި ހިމެނޭ އެއްޗެއް. ބަހުގެ ހިދުމަތަކީ ވެސް މިއީ ހަމަ ޓްރާންސްޕޯޓް ލިންކުގައި ހިމެނޭ ކަންތައް. ހަމައެކަނި ޓެކްސީއެއް ނޫން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"މިކަހަލަ އެއްވެސް ހިދުމަތެއް އެއްވެސް ސަރުކާރަކުން ފަށާފައި މިއޮންނަނީކީއެއް ތަހުލީލެއް ނޫނިއްޔާ ސައިންޓިފިކް ރިސާޗެއް ނޫނީ އެނަލިސިސްތަކެއް ހަދައިގަނެއް ނޫން. އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ބޭނުންވެފައި އޮންނަވަރު."

ސަރުކާރުގެ ޓެކްސީ ލައިނުން މިހާރު ޓެކްސީ ކުރާ ޑްރައިވަރުންނަށް އެއްވެސް ހުރަހެއް އަދި ގެއްލުމެއް ނެތި ޓެކްސީ ކުރެވޭނެ ކަމުގެ ޔަގީންކަން އަމީން އެރުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ބައްޓަންކުރީ ދާއިމީ ޑްރައިވަރުންނާއި ޕާޓްޓައިމް ޑްރައިވަރުން އަދި ދެވަނަ ވަޒީފާއެއްގެ ގޮތަށް ވެސް ޓެކްސީ ކުރެވޭ ގޮތަށް ކަމަށެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ހަދަން މަޖުބޫރުވީ މާލޭގައި ޓެކްސީގެ ހިދުމަތް ލިބުމުގައި އާންމުންނަށް ދިމާވާ ދަތިތައް އަދި ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށް އަމީން ވިދާޅުވި އެވެ.

"ޓެކްސީގެ ހިދުމަތަކީ އަޅުގަނޑު ދަންނަވާލާނީ މިއަދު ހަމަ މާލޭ ސަރަހައްދުގައި އާބާދީގައި އުޅުއްވާ ވަރަށް ގިނަ ބޭފުޅުންނަށް ދޭން ޖެހޭ މުހިންމު ހިދުމަތެއްހެން، މި ޓެކްސީ ލައިނަކީ 100 ޕަސަންޓް އީވީކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތައްޔާރުކުރެވިގެން އަންނާނެ ޓެކްސީލައިނަކަށްވުމާ އެކީގައި މީގެއިން ހަމަ ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތަކެއް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް ތައާރަފުކުރާ ޓެކްސީ ލައިންތަކުގައި ކުދިކުދި ކާރު ވެސް އަދި ބޮޑެތި ސައިޒުތަކުގެ ޓެކްސީތައް ވެސް ހުންނާނެކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ޓެކްސީ ހިދުމަތް ދޭން ފެށުމުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މައްސަލަތައް ހައްލުވެފައި އެބަހުރި ކަމަށެވެ.

ޓެކްސީ ހިދުމަތް ފަށާއިރު މާލެ ސަރަހައްދުގައި ދުއްވަން ސަރުކާރުން 100 ކާރު ގެންނާނެ އެވެ. ގެންނަނީ ކަރަންޓު ބޭނުންކޮށްގެން ޗާޖު ކުރެވޭ ކާރުތަކެކެވެ. އެ މަޝްރޫއަށް އިނީޝަލް އިންވެސްޓްމެންޓެއްގެ ގޮތުން 80 މިލިއަން ރުފިޔާ ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. އެގޮތުން މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވާލައި، ސަރުކާރުން ޓެކްސީ ލައިން ހެދުމުގެ މަސައްކަތް ހުއްޓާލަން ޑްރައިވަރުން ދަނީ ގޮވައިލަމުންނެވެ.