Advertisement

ފެކްޓް ޗެކް: ބިން ހިއްކުމުގެ ބަދަލުގައި ދީފައި ހުރި ބިންތައް އަތުލި ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ ދޮގެއް

7 މޭ 2025 - 09:58 2

އަމަން ހަލީމް

އަމަން ހަލީމް

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ފެކްޓް ޗެކް: ބިން ހިއްކުމުގެ ބަދަލުގައި ދީފައި ހުރި ބިންތައް އަތުލި ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ ދޮގެއް

7 މޭ 2025 - 09:58 2

މާލޭ ސަރަހައްދުން ބިން ހިއްކަން ބޭރުގެ ކުންފުނިތަކަށް ބަދަލުގައި ބިން ލިބޭ ގޮތަށް ހަދާފައި ހުރި ހުރިހާ އެއްބަސްވުންތައް އުވާލައި، ބިންތައް އަތުލައިފި ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ހެއްދެވި ކަން އަދަދު އަށް ކަށަވަރުވެއްޖެ އެވެ.

ބިން ހިއްކުމުގައި ބަދަލުގައި ދީފައި ހުރި ބިންތައް އަތުލި ކަމަށް ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިންނާ އެކީ ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. އެ ދުވަހު ރައީސް ވިދާޅުވީ ބިން ލިބޭ ގޮތަށް ހަދާފައި އޮތް އެއްވެސް އެއްބަސްވުމެއް މިހާރަކު ނޯންނާނެ ކަމަށެވެ. އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މި ވާހަކަ ދެ ފަހަރަކު ތަކުރާރުކުރެއްވި އެވެ.

"އެ މީހުން ބޭރު ކުންފުންޏަކުން ހުޅުމާލެ އާއި އަދި ތިލަފުށްޓާއި ތަންތަން ހިއްކައިދިނީމާ އޭގެ ބަދަލެއްގެ ގޮތުގައި ދޭން ނިންމާފައި އޮތް 12 ވަރަކަށް ހެކްޓަރު މިއީ. އަޅުގަނޑު މިއަދު ހެނދުނުގެ ފެށިއިރުގައި ދެންނެވިން، މި ސަރުކާރުން މިހާރު ވާނީ، މިގޮތަށް ހުރި ހުރިހާ އެގްރީމަންޓެއް ބާތިލުކޮށްފައޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކައިގައި އިޝާރާތްކުރެއްވި ބޭރުގެ ކުންފުންޏަކީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އެވެ. މި ކުންފުންޏަށް ބިން ލިބޭ ގޮތަށް ހިއްކަން ހަވާލުކުރި ތަންތަނަކީ ތިލަފުއްޓާއި ދިޔަނަރު ފަޅާއި ހުޅުމާލެ ފޭސް 3 އެވެ.

ހިއްކާ ތަންތަނުގެ ތެރެއިން އެ ކުންފުންޏަށް ބިން ލިބެނީ ތިލަފުއްޓާއި ހުޅުމާލެ ފޭސް 3 އިންނެވެ. އެއީ 99 އަހަރުގެ މުއްދަތަކަށް އެ ތަނުން ބިން ކުއްޔަށް ދީގެން ނުވަތަ އެތަނުގައި އިމާރާތްތައް ތަރައްގީކޮށްގެން އެ ކުންފުންޏަށް އާމްދަނީ ލިބޭ ގޮތަށް ހަދާފައި އޮތް އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ އޮގަސްޓު 20، 2023 ގަ އެވެ.

މި ހުރިހާ އެއްބަސްވުންތަކެއް ބާތިލުކުރި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މިއިން އެއްވެސް އެއްބަސްވުމެއް އަދި ބާތިލެއް ނުކުރެ އެވެ.

މިހާތަނަށް ބާތިލުކުރި ހަމައެކަނި އެއްބަސްވުމަކީ މި ސަރުކާރުން ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކަން އެ ކުންފުންޏާ އެކީ ހެދި އެއްބަސްވުމެވެ. އެ އެއްބަސްވުން ބާތިލުކުރީ އެހާތަނަށް ހިއްކައި ނިމުނު ރަސްމާލޭގެ "ސައިޓް ޖޭ" ހިއްކަން ހަަރަދުވި 21 މިލިއަން ޑޮލަރު ސަރުކާރުން ދައްކާ ގޮތަށެވެ.

ސަރުކާރު މެދުވެރިއަކަށް ވެގެން އެޗްޑީސީ އާއި ސީއެމްސީއާ އެކު ހެދި އެއްބަސްވުމުގައި އޮތީ، ސީއެމްސީން ހަރަދުކޮށްގެން ރަސްމާލެ ހިއްކުމުގެ ބަދަލުގައި ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ރަސްމާލޭން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދޭ ގޮތަށެވެ.

މި ނޫން އެއްވެސް އެއްބަސްވުމެއް މިހާތަނަށް ބާތިލެއްނުކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެމްސީން ވަނީ ރައީސްގެ ވާހަކަތަކާ މެދު ކަންބޮޑުވެގެން އެއްބަސްވުންތައް އުވާލީތޯ ސާފުކޮށްދޭން އެޗްޑީސީގައި ވެސް އެދިފަ އެވެ. ނަމަވެސް މި ކަމުގައި އެޗްޑީސީ އާއި ސީއެމްސީގެ ބަހެއް ލިބޭ ގޮތް ނުވެ އެވެ.

ސީއެމްސީއާ ހިއްކަން ހަވާލުކުރި ތަންތަނުގެ ތެރެއިން ދިޔަނެރު ފަޅު ފިޔަވައި ދެން ހުރި ތަންތަނުގެ ބޮޑު ބައި ހިއްކާ ނިމިއްޖެ އެވެ. ނަމަވެސް މި އެއްބަސްވުންތަކާ މެދު ގޮތެއް ނުނިމޭތީ ހުޅުމާލެ ފޭސް 3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މި ދެ ފަޅަކީ ވެސް މާލޭ ރަށްވެހިންނަށް ބިން ދިނުމުގެ ބޭނުމުގައި ހިއްކާ ތަންތަނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މި ވާހަކަތައް ދެއްކެވީ ވެސް އެ ބިންތައް ހަވާލުކުރެވޭނީ ކޮން އިރަކުންތޯ ކުރި ސުވާލުތަކާއި ފުނަދޫގައި ހުރި އެސްޓީއޯގެ ތެޔޮ ތާންގީތައް ބަދަލުކުރުމާ ގުޅޭ ގޮތުން އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.