Advertisement

އިނގިރޭސިވިލާތް ވައްޓާލާ ޓޫރިސްޓުންގެ ލިސްޓުގެ ދެވަނައަށް އަނެއްކާވެސް ރަޝިޔާ އަރައިފި

6 މޭ 2025 - 16:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް : އިނގިރޭސިވިލާތް ވައްޓާލާ ޓޫރިސްޓުންގެ ލިސްޓުގެ ދެވަނައަށް އަނެއްކާވެސް ރަޝިޔާ ވަނީ އަރާފަ --- ފޮޓޯ: އަދަދު


އިނގިރޭސިވިލާތް ވައްޓާލާ ޓޫރިސްޓުންގެ ލިސްޓުގެ ދެވަނައަށް އަނެއްކާވެސް ރަޝިޔާ އަރައިފި

6 މޭ 2025 - 16:07 0

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި މަހެއްހާ ދުވަހު އޮތް އިނގިރޭސިވިލާތް (ޔޫކޭ) ވައްޓާލާ އެ ލިސްޓުގެ ދެވަނައަށް ރަޝިޔާ އަނެއްކާ ވެސް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށުނީއްސުރެ މިހާތަނަށް ޔޫކޭ އިން ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 89,694 ޓޫރިސްޓުންނެވެ. މިހާރު ދެވަނައިގައި އޮތް ރަޝިޔާއިން އައިސްފައިވަނީ 91,668 ޓޫރިސްޓުންނެވެ.

މިދިޔަ މަހު ރާއްޖެ އައި ޔޫކޭ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވި އެވެ. މަސް ނިމުނުއިރު ވެސް ދެވަނައިގައި އޮތީ އެ ގައުމެވެ. ނަމަވެސް ރަޝިޔާ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އޭރު އޮތް ހާހެއްހާ ޓޫރިސްޓުންގެ ފަރަގު މިހާރު ވަނީ އަނެއް އަތަށް އަނބުރާލާފަ އެވެ.

މި މަހުގެ ފުރަތަމަ ހަފުތާ ރާއްޖެ ޔޫކޭއިން ރާއްޖެއަށް އައީ 2،881 ޓޫރިސްޓުންނެވެ. އެ މުއްދަތުގައި ރަޝިޔާއިން 6،283 ޓޫރިސްޓުން އައިސްފައިވެ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ ފުރަތަމަ ދެ ހަފުތާ އެކަނި 15،131 ޓޫރިސްޓުން ޔޫކޭ އިން ރާއްޖެއަށް އައެވެ. އެހެންކަމުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާކަން ހާމަވެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އިއްޔެއާ ހަމައަށް އެ ގައުމުން ޖުމްލަ 97,219 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭ ޔޫކޭއިން އައި ޓޫރިސްޓުންގެ އަދަދު ޗައިނާއާ ވަރަށް ގާތް ކުރި އެވެ. އެޕްރީލް 15، ގައި ދެ ގައުމުގެ ދެމެދު ހުރީ 466 ޓޫރިސްޓުންގެ ތަފާތެވެ. ނަމަވެސް އެ ފަރަގު މިހާރު ވަނީ 7،525 އަށް ބޮޑުވެފަ އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެފައިވީ ނަމަވެސް އެ ގައުމުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު މަސައްކަތެއް ކުރަމުންނެވެ. އެ ގޮތުން، ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ލިވަޕޫލް އެފްސީ އާއެކު ސަރުކާރުން މާޗު މަހު އެއްބަސްވުމެއް ވަނީ ހަދާފަ އެވެ.

ތިން އަހަރާއި ހަ މަސްދުވަހުގެ މި އެއްބަސްވުމުގެ ދަށުން ލިވަޕޫލުގެ ދަނޑުގަޔާއި އިނިގިރޭސިވިލާތުގެ އާންމު ސަރަހައްދުތަކުގައި އަދި އެ ކްލަބުގެ ސޯޝަލް މީޑިއާގައި ރާއްޖެ ޕްރޮމޯޓުކުރާނެ އެވެ.

މި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަނަށްވުރެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް މި ފަހުން ވިދާޅުވެފައިވެ އެވެ.