Advertisement

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިނިސްޓަރު އަމީން ހާޒިރު ކުރަނީ

6 މޭ 2025 - 12:40 0

ޓްރާންސްޕޯޓް މިނިސްޓަރު އަމީން: އޭނާ މަޖިލީހަށް ހާޒިރުކުރާއިރު، ޒުވާނުން ދަނީ އޭނާގެ އިސްތިއުފާއަށް ޑިމާންޑު ކުރަމުން -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިނިސްޓަރު އަމީން ހާޒިރު ކުރަނީ

6 މޭ 2025 - 12:40 0

ރައްޔިތުންގެ މަޖިލީހުން މާދަމާ ބާއްވާ ޖަލްސާއަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާޒިރު ކުރަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

މިނިސްޓަރު އަމީން ހާޒިރު ކުރަނީ އޭނާއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާތީ އެވެ. މާދަމާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ މިނިސްޓަރު އަމީންއާ ސުވާލު ކުރުމެވެ.

މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރު ކުރަން ނިންމި އިރު، އޭނާގެ އިސްތިއުފާއަށް އެތައް ބަޔަކު ދަނީ ގޮވަމުންނެވެ. އެއީ މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގަ އެވެ.

އޭޕްރީލް 18، ގައި ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވަނީ މިނިސްޓަރު އަމީންގެ ގެއަށް އިތުރު ބަޔަކާއެކު ގޮސްފަ އެވެ. ޔުމްނުއާއެކު އެ ދުވަހު އުޅުނު އަށް މީހުންގެ ތެރޭގައި މިނިސްޓަރު އަމީންގެ ތިމާގެ ދެ މީހަކު ހިމެނެ އެވެ.

އެ މައްސަލައިގައި މިނިސްޓަރު އަމީންގެ ގެ ބަލައި ފާސް ކުރަން ފުލުހުން ވަނީ ކުރިން ދެކޮޅު ހަދައިފަ އެވެ. ހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުން އެ ގެ ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މިނިސްޓަރު އަމީންގެ ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާގެ ރިކޯޑިން ދޭން އެ ގޭގެ ވެރި ފަރާތުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ގޭގެ ވެރި ފަރާތްތަކުން ބުނެފައި ވަނީ ސީސީޓީވީ ހުރީ ހަލާކުވެފަ އެވެ. އެކަމަކު، ވީޑިއޯ ރިކޯޑުވާ ސިސްޓަމް ވެސް ފުލުހުންނާ ހަވާލު ކުރަން ގޭގެ ވެރި ފަރާތްތަކުން ދެކޮޅު ހެދި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ޒުވާނުންގެ އިސް ނެގުމަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށާފައިވާއިރު، އެ ޒުވާނުންގެ އެންމެ ބޮޑު އެއް ޑިމާންޑަކީ މިނިސްޓަރު އަމީން އިސްތިއުފާ ދެއްވުމެވެ. އެކަމަކު، އަމީން ވަނީ އޭނާގެ މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވަން ދެކޮޅު ހަދައިފަ އެވެ.