Advertisement

ދޮޅު އަހަރު ވީއިރު ވެސް އިންޑިއާ އަސްކަރީ އުޅަނދުތަކުގައި ޖާސޫސީ އާލާތެއް ހުރިކަމެއް ސަރުކާރަށް ނޭނގޭ

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައި އޮންނަ ޑޯނިއާ މަތިންދާ ބޯޓު: މި އުޅަނދުތަކުގައި ޖާސޫސީ އާލާތްތައް ހުރި ކަމަށް ތުހުމަތުކުރީ އިދިކޮޅުގައި އޮތް އިރު މިހާރުގެ ސަރުކާރުގެ ވެރިން -- ފޮޓޯ: އެމްއެންޑީއެފް


ދޮޅު އަހަރު ވީއިރު ވެސް އިންޑިއާ އަސްކަރީ އުޅަނދުތަކުގައި ޖާސޫސީ އާލާތެއް ހުރިކަމެއް ސަރުކާރަށް ނޭނގޭ

ސަރުކާރަށް ދޮޅު އަހަރު ވެގެންދިޔައިރު ވެސް ރާއްޖޭގައި އުދުއްސަމުންސާ އަސްކަރީ އުޅަނދުތަކުގައި ޖާސޫސީ އާލާތެއް ހުރިކަން ކަށަވަރު ނުކުރެވޭ ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަނުކުރާ މައްސަލައިގައި މަޖިލީހަށް ހާޒިރު ކުރުމުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ އިންޑިއާގެ އަސްކަރީ އުޅަނދުތަކުގައި ޖާސޫސީ އާލާތެއް ނެތްކަން ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު ހުރި އެންމެ ފުރިހަމަ މިންވަރަކަށް ޖާސޫސީ އެއްވެސް ކަހަލަ އާލާތެއް ތިޔަ ޕްލެޓްފޯމްތަކުގައި ނެތްކަން ކަށަވަރު ކުރަމުން ދަނީ، އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ އަތުގައި ވަސީލަތް ހުރި މިންވަރަކަށް މަސައްކަތް،" ގައްސާން ވިދާޅުވި އެވެ.

ގައްސާން އެހެން ވިދާޅުވީ ރާއްޖޭގައި އުދުއްސަމުންދާ އިންޑިއާގެ އަސްކަރީ އުޅަނދުތަކުގައި ޖާސޫސީ އެއްވެސް އާލާތެއް ނެތްކަމުގެ ޔަގީންކަން ދެވިދާނެތޯ ޝަމްހީދު ސުވާލު ކުރެއްވުމުންނެވެ.

މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި މަސައްކަތް ކުރެއްވިއިރު، ރާއްޖޭގައި އިންޑިއާގެ އަސްކަރީ އުޅަނދުތައް ބޭނުންކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ގައްސާންއަކީ އިންޑިއާ އަސްކަރިއްޔާ އާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ހިންގި ހަރަކާތުގައި އިސްކޮށް އުޅުނު ބޭފުޅެކެވެ.