5 މޭ 2025 - 18:58 2
އަހުމަދު އާއިދު
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު : މަރުތަކުގެ މައްސަލަތަކުން އޭނާ ވަކިކޮށްފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް --- ފޮޓޯ: އަދަދު
5 މޭ 2025 - 18:58 2
ފުލުހުންގެ ހޯމަސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ މަގާމުން ސާމިހު ވަކިކުރީ މިއަދު އެވެ. ނަމަވެސް، ފުލުހުންގެ ވަޒީފާއިން ވަކިނުކޮށް އޭނާ ވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފަ އެވެ. ބަދަލުކުރި ޑިޕާޓްމަންޓު ކަށަވަރެއް ނުވެ އެވެ.
ސާމިހު މި މަގާމުން ވަކިކުރީ، އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުން އޭނާ ވަކިކުރަން ޔުމްނުގެ އާއިލާއިން ގޮވާލާފައި ވަނިކޮށެވެ.
"ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލު ގެނައުމަކީ އުނދަގޫ ކަމެއް. އެކަމަކު އާއިލާއާއެކު ބޭއްވި އެތަކެއް ބައްދަލުވުންތަކެއްގައި ދޮގު ހެދި ސާމިހު ވަކި ކުރުމަކީ ފެށުމަކަށް ވާނެ،" ޔުމްނުގެ އާއިލާއިގެ މެންބަރެއް ކަމަށްވާ މުހައްމަދު މުއުމިން އެޕްރީލް 28، ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ލީޑުކުރަމުން ދިޔައީ ސާމިހު އެވެ. ނުފޫޒު ފޯރުވައި، މައްސަލަ އޮއްބައިލަން އުޅުމާއި ތަފާތުކުރުމުގެ ތުހުމަތުތައް ކުރިމަތިވެފައިވާ މި ތަހުގީގުގެ ތަފުސީލު ނޫސްވެރިންނާ އެންމެ ފުރަތަމަ ހިއްސާކުރީ ވެސް ސާމިހު އެވެ.
ޔުމްނުގެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށް އޭނާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުންތަކެއް ދަނީ މުޒާހަރާ ކުރަމުންނެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު، 21، ވެއްޓުނު ހާދިސާގައި ފުލުހުން ހިއްސާ ކުރި ބައެއް މައުލޫމާތު ދިމާނުވުމާއި އެ މައްސަލައިގައި މީހަކު ހައްޔަރުނުކޮށް ގިނަ ދުވަސްވުމަކީ، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މިހާރު ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޔުމްނު މިހާރު ވަނީ މެލޭޝިއާއަށް ގެންގޮސްފަ އެވެ. އާއިލާއިން ބުނާ ގޮތުގައި އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
Comment