Advertisement

ބޯހިޔާވަހިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

މަޖިލީހުގެ ތަޅުމުގައި މީގެ ކުރިން ވޯޓު ނެގި ވަގުތުގެ ފޮޓޯއެއް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ބޯހިޔާވަހިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭ ގޮތަށް ފަރުމާކޮށް މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ދިރާސާ ކުރުމަށް ގެދޮރުވެރިކަމުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު، އަސްމާ ރަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ ދެފުށް ފެންނަ ޖަވާބުދާރީކުރުވަނިވި ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމެވެ. އެ ބިލުގައި މަގްސަދުތަކުގެ ގޮތުގައި މުހިންމު ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

  • ބޯހިޔާވަހިކަން ބޭނުންވާ މީހުންނާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ދިރާސާ ކުރުން 
  • މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުން 
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް ރެގިއުލޭޓް ކުރުން 
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތަކާއި މިންގަނޑުތައް ބަޔާން ކުރުން 
  • ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުން

އެ ބިލުގައި ބުނެފައިވާ ގޮތުން ބޯހިޔާވަހިކަމާ ގުޅޭ ދިރާސާތައް ސަރުކާރުން ކުރަންޖެހެ އެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ މީހުންްގެ ދަފުތަރެއް ވެސް އެކުލަވާލަންޖެހެ އެވެ.

އޭގެ އިތުރުން އެ ބިލުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭނެ ކަމަށެވެ. އެ ސިޔާސަތު އެކުލަވާކަންޖެހޭނީ އަދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ. އެކަމަކު ސިޔާސަތު ކަނޑައަޅާއިރު، ސަރުކާރުގެ ކަމާ ބެހޭ އިދާރާގެ ލަފާ ހޯދަންޖެހެ އެވެ. އަދި އެ ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައު ކުރަންޖެހެ އެވެ.

ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތުގެ އިތުރުން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއް ވެސް ބިލުގައިވާ ގޮތުން އެކުލަވާލަންޖެހެ އެވެ. އެ ސިޔާސަތު އެކުލަވާލަންޖެހޭނީ ކަމާ ބެހޭ މިނިސްޓަރެވެ. ސްޓްރެޓެޖީ އެކުލަވާލާއިރު، ބިލުގައި ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލުވޭތޯ މިނިސްޓަރު ބަލަންޖެހެ އެވެ.

ބިލުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެ އެވެ. އެ ސާވޭ އާންމުކޮށް ޝާއިއު ކުރަން ވެސް ބިލުން ލާޒިމު ކުރެ އެވެ. އަދި ބިލުގެ ދަށުން ހަދާ ފުރަތަމަ ސާވޭއަށްފަހު ކޮންމެ 10 އަހަރަކުން އެއް ފަހަރު އެ ސާވޭ ހަދަންޖެހެ އެވެ

ސާވޭ ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ސާވޭގައި ބަޔާން ކުރާ ކަންކަމަށް އަޅާނެ ފިޔަވަަޅުތައް މިނިސްޓްރީން ކަނޑައަޅަންޖެހެ އެވެ. އަދި ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒު ކުރަން ބިލުން މަޖުބޫރު ކުރެ އެވެ.