5 މޭ 2025 - 10:15 4
ލީވާން އަލީ ނާސިރު
ފައްޔާޒް އިސްމާއިލް: ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
5 މޭ 2025 - 10:15 4
ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ މަޖިލީހުން މުޅިން ވަކިކޮށް ހަމައެކަނި ރައްޔިތުންނަށް ޖަވާބުދާރީ ކުރުވަން ގާނޫނުއަސާސީން ކަނޑައެޅަން ޖެހޭ ކަމަށެވެ.
"ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ މަޖިލީހުން މުޅިން މިނިވަންކޮށް، ވަކިކޮށް، ހަމައެކަނި ރައްޔިތުންނަށް ޖަވާބުދާރީ ކުރުވަން ގާނޫނުއަސާސީން ކަނޑައެޅުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.
"މިއީ އެކަމަށް އެކަށީގެންވާ ވަގުތު. އެފަދަ ބޭފުޅުން މަގާމުން ވަކިކުރުމަކީ މަޖިލީހުގައި ތިއްބަވާ މަންދޫބުންގެ ބަދަލުގައި ސީދާ ވޯޓުލާ މީހުންނަށް ކުރެވޭ ކަމަކަށް ބަދަލުކުރަން ޖެހޭ."
ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، އެކަން މަޖިލީހުގެ މާދަމާ އޮތް ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ފައްޔާޒް ވިދާޅުވީ އަޒްމިރާލްދާ އާއި މަހާޒު މަގާމުން ވަކިކުރުމަކީ ރާއްޖޭގައި އޮތް ހަގު ޑިމޮކްރަސީއަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިވެހި ޖުމްހޫރިއްޔަތާއި ޑިމޮކްރަސީ، ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ރައީސް މުއިއްޒަށް ދޫކޮށްލައިފި. ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒު މަގާމުން ވަކިކުރުމަކީ، ރާއްޖޭގައި އޮތް ހަގު ޑިމޮކްރަސީއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މިއީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ރައީސް މުއިއްޒު ކަނޑައަޅާފައިވާ އެންމެ ފަހުގެ އަމާޒަށް ވާސިލުވުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ހިތާމައަކީ ރައީސް ޔާމީންގެ ހުދުމުހުތާރު ވެރިކަމުގެ ޑްރާމާ ތަކުރާރުވާތަން ފެނިގެންދިޔުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ބޭނުންކޮށްގެން ހަގީގަތާ ހިލާފު ތަހުގީގެއް ހިންގިއިރު، ދިފާއުވުމުގެ ފުރުސަތެއް ވެސް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ ޖަސްޓިފިކޭޝަނެއް ވެސް ރައްޔިތުންނަށް ދީފައިނުވާ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment