4 މޭ 2025 - 15:22 1
މުހައްމަދު ޝަހްޒާން
4 މޭ 2025 - 15:22 1
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ނިންމުމުން ދެން އެ މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.
ފަނޑިިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ.
މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ތުހުމަތު ކުރީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރި އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ގޮތުން އަޒްމިރާލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ އިތުރުން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން ވާހަކަދެއްކެވިއިރު ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި އެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން މިހާރު އިސްތިއުފާދެއްވާފައިވާ ހުސްނުއްސުއޫދުގެ މައްސަލަތަކެއް ބަލަން ފެށިކަމަށް ވުނެ ޖޭއެސްސީން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރު އަޑީގައި އޮވެގެން އޭސީސީން ބަލަން ފެށި ކަމަށް ބުނި އަސްލެއް ނެތް މައްސަލައަކާ ގުޅިގެންނެވެ.
ފެބްރުއަރީ 26، 2025، ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފެބްރުއަރީ 26 ވަނަ ދުވަހުގެ ހެނދުނަށް ތާވަލުކުރުމާއެކު ކުއްލި އަކަށް އުފަންކުރި މައްސަލައިގެ ސިޓީ އޭސީސީން ޖޭއެސްސީ އަށް ފޮނުވީ، އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ދުވަހުގެ ހެނދުނު 10 ޖަހަން ކައިރިވެފައި ވަނިކޮށެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.
ފަނޑިޔާރުން ވަކިކުރަން ނިންމުމުގައި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން ފަނޑިޔާރުގެއަށް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ސުވާލުތައް އަމާޒުކުރުމުން ރައީސް ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލައިގެ ތެރެއިން ހިނގާފައި ހުރި ހުރިހާ ކަމަކީ އިއްތިފާގުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
Comment