Advertisement

ހޭންޑްބޯޅަ ކޯޓާ ގުޅޭ މައްސަލަތަކަށް މި އަހަރުތެރޭ ހައްލެއް

4 މޭ 2025 - 10:28 0


ހޭންޑްބޯޅަ ކޯޓާ ގުޅޭ މައްސަލަތަކަށް މި އަހަރުތެރޭ ހައްލެއް

4 މޭ 2025 - 10:28 0

މާލޭ ހޭންޑްބޯޅަ ކޯޓުގައި ހުރި ބޮޑު މައްސަލަަތަކަށް މި އަހަރު ނިމުމުގެ ކުރިން ހައްލެއް ގެނައުމުގެ މަސައްކަތް ހޭންޑްބޯލް މޯލްޑިވްސްއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މާލޭގައި މި ވަގުތު ހޭންޑްބޯޅަ ކުޅެމުން އަންނަ އައުޓް ޑޯ ކޯޓު، ގައުމީ ހޭންޑްބޯޅަ ކޯޓު، 2021 ވަނަ އަހަރު އެޅި ފަހުން، އެ ތަން ހިޔާ ކުރުމުގެ ވާހަކަ އާއި އެ ތަން، އިންޑޯ އަކަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެ ވިސްނުމުގައި ކުރިއަށްދެވޭތޯ، އެސޯސިއޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރާ އެކު ވެސް ގިނަ ވާހަކަތަކެއް ދެކެވުނެވެ.

ރޭ ބޭއްވި ހޭންޑްބޯލް މޯލްޑިވްސްގެ އިވެންޓްގައި ވާހަކަ ދައްކަވަމުން، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ހޭންޑްބޯޅަ އިންޑޯގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއު ކުރިއަށް އޮތް ހަފްތާގައި ބުޑު އަޅަން ފެށޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، ފުރާޅެއް، ހިޔާވަހިކަމެއް ފެނިގެންދާނެ. އަދި މިނިސްޓަރުގެ ވިސްނުމަކީ ވަރަށް އުޖާލާ ތަނަވަސްތަނެއް ހޭންޑްބޯޅަ ކުޅެވިގެންދިއުން، މިހާރު ވަނީ އިންޑޯ މެޓީރިއަލް ގެންނަން ހަވާލުކޮށްފައި. މިއީ ރާއްޖޭގެ އިންޑޯ ހޭންޑްބޯޅަ އަށް ވަރަށް ހާއްސަ ކަމަކަށްވެގެންދާނެ، މިހާރު ކުޅެމުން އަންނަ ސްޕީޑާއި އެންޑިއުރެންސަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑުމެންނަށް އެ މެޓްގައި ކުޅުމުގެ ފުރުސަތެއް ނުލިބޭ މީގެ ކުރިން،" މުޖޭ ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި، ވިއްސާރަ ވެގެން ހޭންޑްބޯޅަ މުބާރާތްތައް ދިގުލައި ގޮސް އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެ ގޮތުން، ރާއްޖޭގެ ރަށްތަކުން އަންނަ ޓީމުތަކަށް މާލޭގައި ތިބެން އުނދަގޫވެ މައްސަލަތައް ދިމާވެ، އެކަމުގެ އުނދަގޫ ކުޅުންތެރިންނާއި އެ ޓީމުތައް ހިންގާ ފަރާތްތަކަށް ކުރިމަތިވާއިރު، އެކަންކަން ހައްލުކުރަން މިނިސްޓްރީ އަށް ޝަކުވާއެއް ނޫނީ އިލްތިމާސެއްގެ ގޮތުގައި އެކަން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަމަ ޖެނުއިން ކަމެއް (އަސްލު މައްސަލައެއް) ކަމަށްވާތީ އަޅުގަނޑުމެން ދެންނެވިގެން ބަލައިގަންނާނަމޭ. އެއީ އެކަމުގެ މުހިންމުކަން އެންމެންނަށް ވެސް އެނގޭތީވެ، އެހާ ޑިމާންޑް އޮންނަ ކުޅިވަރެއް، ދެ ޖިންސުން ކުޅޭ ކުޅިވަރެއް، އެކި އުމުރުފުރާ އިން ކުޅޭ ކުޅިވަރެއް، ކުޅެވޭނެ އެއްވެސް ގޮތެއް ނޯވޭ ވާރޭ ވެހޭއިރަކު ވިއްސާރަވީމަކާ،" ރާފިއު ވިދާޅުވި އެވެ.

މި ހުރި މައްސަލަތަކަށް ގެނެވޭނެ ހައްލެއް، ސްޕޯޓްސް މިނިސްޓްރީ އާއި ހޭންޑްބޯލް މޯލްޑިވްސް އިން މިދިޔަ އަހަރު ފެށި އެވެ. ރާފިއު ވިދާޅުވީ، އެކަމުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.

"ހޭންޑްބޯޅަ ރައީސް އެ ވިދާޅުވީ، ގެންނަން ޖެހޭ ތަކެތި އޯޑަރުކޮށްފައޭވީ އަޅުގަނޑު ހިތުން އެތާގައި އަޅާ މެޓް ވެސް، އައިއެޗްއެފް އިން ވަނީ 50 ޕަސެންޓް ދައްކާފައި، އަނެއް 50 ޕަސެންޓް އަޅުގަނޑުމެން މިނިސްޓްރީން ވެސް ވަނީ ޕޭމަންޓް ހަމަޖައްސައިފައި. އިރާދަކުރެއްވިއްޔާ ދެ ހަފްތާއެއް ވަރު ތެރޭ އެ މެޓީރިއަލް ވެސް ލިބިގެންދާނެ ކަމަށް ހޭންޑްބޯލް ރައީސް ވެސް ވިދާޅުވީ،"

މިނިސްޓަރު ވިދާޅުވީ، "މި އަހަރު ނިމޭ ހިސާބުގައި މި މަސައްކަތް އެއްކޮށް ނިންމާލެވި، ވާރޭ ނުވެހޭ ތަނެއްގައި" ހޭންޑްބޯޅަ މުބާރާތްތައް ކުޅެވިގެންދާނެ ކަމަށެެވެ.