Advertisement

ނަޕޯލީން ލީޑު ދެމެހެއްޓިއިރު އިންޓަ އިން ވިއްދާފައި

4 މޭ 2025 - 08:15 0


ނަޕޯލީން ލީޑު ދެމެހެއްޓިއިރު އިންޓަ އިން ވިއްދާފައި

4 މޭ 2025 - 08:15 0

ނޭޕްލްސް، އިޓަލީ (މެއި 4) - އިޓާލިއަން ލީގުގައި ރޭ ލެއްޗޭ އަތުން 1-0 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނައިގައި ލީޑުދެމެހެއްޓިއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނުން ކުޅުނު މެޗުން ހެލަަސް ވެރޯނާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 35 މެޗުން 77 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 35 މެޗުން ލިބިފައިވަނީ، 74 ޕޮއިންޓެވެ. ނަޕޯލީން ބާކީ އޮތް ތިން މެޗުން މޮޅުވެއްޖެނަމަ، ތިން ސީޒަނުގެ ތެރޭ ދެ ވަނަ ފަަހަރަށް އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.

ލެއްޗޭ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނަޕޯލީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ ހިލޭ ޖެހުމަކުން، ޖިއަކޯމޯ ރަސްޕަޑޯރީ އެވެ.

ނަތީޖާ ހަމަހަމަކުރަން ލެއްޗޭ އިން ކުރި މަސައްކަތުގައި، އެ ޓީމުގެ ކިއަލޮންޑާ ގެސްޕާ ބޮލުން ޖެހި ބޯޅަ ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އަދި، ޔޯހާން ހެލްގަސަން ޖެހި ބޯޅަ ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ.

ނަޕޯލީން 2023 ވަަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން އެ ފަހަރު ލީގު ތަށި އުފުލާލީ 30 އަހަރު ތެރޭ ފުރަތަމަ ފަަހަރަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ރޭގެ މެޗުގައި ވެރޯނާއާ ދެކޮޅަށް ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ނުވަ ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. މި ލަނޑު ޖަހައިދިނީ، ކްރިސްޓިޖަން އަސްލާނީ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލު ދެ ވަނަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުން އިންޓަ އިން އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން މި މެޗުގައި ބޭނުމެއް ނުކުރެ އެވެ.

މި މެޗަށް ނުކުތްއިރު، އިންޓަ އިން އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން އޮތީ ބަލިވެފަ އެވެ. އެހެންވެ، އެ ޓީމަށް މި މޮޅާ އެކު، ހިތްވަރެއް ލިބިގެންދާނެ އެވެ.