Advertisement

ައަޒާން މަޖިލީހަށް ހޮވައިދިނީ އަޅުގަނޑު ރެޔާއި ދުވާލު މަސައްކަތް ކޮށްގެން: ރައީސް

3 މޭ 2025 - 22:04 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން އާއެކު: ރައީސް ވިދާޅުވީ އަޒާން ހޮވައިދިނީ ރެޔާއި ދުވާލު މަސައްކަތް ކޮށްގެން ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ައަޒާން މަޖިލީހަށް ހޮވައިދިނީ އަޅުގަނޑު ރެޔާއި ދުވާލު މަސައްކަތް ކޮށްގެން: ރައީސް

3 މޭ 2025 - 22:04 4

ރައީސް މުހައްމަދު މުއިއްޒު އާ ދެމެދު ސިޔާސީގޮތުން ނުތަނަވަސްކަން އުފެދިފައިވާ ރައްޔިތުންގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެ މަގާމަށް ހޮވުނީ އެމަނިކުފާނު ރެޔާއި ދުވާލު އެތައް މަސައްކަތެއް ކޮށްގެން ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ރައީސް އާއި އަޒާންއާ ދެމެދު ނުތަނަވަސްކަން އުފެދުނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލާ އަޒާން ދެކޮޅު ހެއްދެވުމުންނެވެ. އެ ކަންތަކާ ގުޅިގެން އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ބޭރުކޮށްލި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަޒާންއާ ދެމެދު އޮތް ގުޅުން ގޯސްތޯ ނޫސްވެރިޔަކު އެހުމުން ރައީސް ވަނީ، އެމަނިކުފާނާ އަޒާން ވާހަކަނުދައްކަވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މައްސަލައެއް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ އަޒާން އާ ކޮން މައްސަލައެއްތޯ ޖެހޭނީ. އަޅުގަނޑު ރެޔާއި ދުވާލު މަސައްކަތް ކޮށްގެން އައްޑޫއަށް ވެސް ގޮސް އެކި ގޮތް ގޮތުން އެހީތެރިކަން ދީ. އަޅުގަނޑު އެންޑޯސްމަންޓު ދީގެން އަޒާން އެ މަގާމަށް އައީ،" ރައީސް ވިދާޅުވި އެވެ.

ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވީ އަޒާން މަޖިލީހަށް ހޮވުނީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި ޕީއެންސީގެ ޓީމުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެން ކަމަށެވެ. އިތުރަށް އެކަމާ ގުޅިގެން ވާހަކައެއް ނުދައްކަވަ އެވެ.

ނަމަވެސް، އަޒާން އާ ދެމެދު ޖެހުނު މައްސަލައިގެ ތެރެއިން ޕީއެންސީން އޭނާޔާ މެދު ފިޔަވަޅުތަކެއް ވެސް އެޅި އެވެ. އެގޮތުން މަޖިލީހުގެ މުހިންމު ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަކި ކުރި އެވެ.

މިގޮތަށް ޕީއެންސީން ނިންމީ "ބާރުގަދަ ބައެއްގެ" ހިޔާނާތުގެ މައްސަލަތަކެއް ބަލަން އުޅޭތީ ކަމަށް އަޒާން ވިދާޅުވެފައިވެ އެވެ.

މިކަމުގެ ތެރެއިން އަޒާން ޕާޓީން ވަކިކޮށްފާނެ ކަމުގެ އަޑުތައްވެސް ފެތުރެނެވެ. އެކަމަށް ބާރު ލިބުނީ ދާއިރާގެ ބައި-އިލެކްޝަނެއްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަން ރައީސް މުއިއްޒު އެދިވަޑައިގެންނެވުމުންނެވެ.

މި ސަރުކާރުގެ އަދި ޕީއެންސީގެ އިސް ސަފުގައި ހިމެނޭ ދެ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އަޒާނުގެ ބަދަލުގައި ކެންޑިޑޭޓަކު ހޯދަން ރައީސް އެދުނީ އެ ޕާޓީގެ ލީޑަޝިޕުގެ އޮފިޝަލުން ތިބޭ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. ނަމަވެސް ފަހުން އެކަމާ ގުޅިގެން އެ ޕާޓީން ފިޔަވަޅެއް ނާޅަ އެވެ.