Advertisement

ބުލީ ކުރާ ކަމަށް ތުހުމަތުކުރީ އިންޑިއާއަށް ކަމަށް ވިދާޅުވާން ރައީސްއަށް ކެރިވަޑައިނުގަތް

3 މޭ 2025 - 18:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން : ބުލީ ކުރީ އިންޑިއާއިން ކަމަށް ބުނަން ރައީސް އަށް ކެރިވަޑައިނުގަތް --- ފޮޓޯ: ރައީސް އޮފީސް


ބުލީ ކުރާ ކަމަށް ތުހުމަތުކުރީ އިންޑިއާއަށް ކަމަށް ވިދާޅުވާން ރައީސްއަށް ކެރިވަޑައިނުގަތް

3 މޭ 2025 - 18:34 0

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު އެނބުރި ވަޑައިގެން ހުޅުލޭގައި ހުންނަވާ ބޮޑު ގައުމަކުން ރާއްޖެއަށް ބުލީ ކުރި ކަމަށް ވިދާޅުވީ ކޮން ގައުމަކަށް އަމާޒުކުރައްވައިގެން ސާފުކޮށްދެން ރައީސް މުހައްމަދު މުއިއްޒު ދެކޮޅު ހައްދަވައިފި އެވެ.

"We may be small, but that doesn’t give you the license to bully us,"

ރައީސް މިފަދައިން ވިދާޅުވީ، ޗައިނާއިން ވަޑައިގެން އިންޑިއާއަށް ދެއްވި ބަހުގެ ހަމަލާތަކެއްގަ އެވެ. އޭރު ސަރުކާރުގެ ވެރިން ދިޔައީ އެ ގައުމާ ދެކޮޅަށް ބަހުގެ އެތައް ހަމަލާތަކެއް ދެމުންނެވެ.

މިކަމާ ގުޅިގެން މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު އިން ރައީސްގެ އަރިހުން އެދުނީ އެ ބަސްތައް އަމާޒުކުރީ ކޮން ގައުމަކަށްތޯ ސާފުކޮށްދިނުމަށެވެ.

"ތި ސުވާލުގެ ޖަވާބުގެ, ޖަވާބު އެނގިލައްވާނެ. އަޅުގަނޑު މިތާ މިވަގުތަކުއެއް ގައުމެއްގެ ނަން ކިޔާކަށެއް ނެތިން. ވަރަށް ސާފުކޮށް މިދިޔަ ސަރުކާރުގެ ދުވަސްވަރު ކަންކަން ހިނގަމުންދިޔަ ގޮތް. ނޫސްވެރިން ވީމަ ހަމަ ގައިމުވެސް އެނގިލައްވާނެ،" ޖަވާބުގައި ރައީސް ވިދާޅުވި އެވެ.

ޖެނުއަރީ 13، 2024 ގައި ހުޅުލޭގައި ހުންނަވާ ރައީސް ވަނީ ކުރީ ސަރުކާރުގެ ވެރިންނަށް އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި އިށީންދެވެނީ ވެސް ވަކި ބައެއްގެ ހުއްދަ ހޯދައިގެން ކަަމަށް ވިދާޅުވެފަ އެވެ. މި ބަސްތައް އަމާޒުކުރެއްވި ގައުމެއްވެސް މިއަދު އެހުމުން ވިދާޅެއްނުވެ އެވެ.

މިއީ އިންޑިއާއަށް ރައްދު ކުރެއްވި ބަސްތަކެއްތޯ އެހުމުން ރައީސް ވިދާޅުވީ، ނޫސްވެރިން އަމިއްލައަށް ބައްލަވާލައްވަން ޖެހޭނެ ކަމަށެވެ.

ނަމަވެސް, އިންޑިއާގެ ނަން ނުގަނެ ރައީސް އެ ދުވަހު ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. ރާއްޖޭގެ ދާހިލީ ކަންކަމަށް ވަންނަން އުޅޭ ކަމަށާއި ވެރިންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު އެދުވަހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން އިންޑިއާއަށް ބޭހަށް ދިޔުމާއި އިންޑިއާއިން ބޭސް ގެނައުން ވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މި ބަސްތަކަށް ގިނަ ދުވަސްތަކެއް ނުވެ ރައީސް ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ. އެ ގައުމުގެ ބޮޑުވަޒީރާ ތަކުރާރުކޮށް ބައްދަލުކުރައްވާ އައު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ. އެ ގައުމާ ދެކޮޅަށް ބަހެއް ނުބުނާ ކަމަށާއި ދެކޮޅު ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ރައީސް ފަހުން ވިދާޅުވި އެވެ.